ރެހެންދި ސްކޫލްގެ ކެޑޭޓް ކޭމްޕްގައި ތެރެއިން އަންހެން ދަރިވަރުންތަކެއްގެ ހެދުން ބޭލުވުމަށްފަހު ފެން ޖެހި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް އެ ސްކޫލުން ދޮގުކޮށްފިއެވެ.

އޮންލައިން ނޫހެއްގައި މިއަދު ޝާއިއުކޮށްފައިވާ ހަބަރެއްގައި ވަނީ ރެހެންދި ސްކޫލުގައި މިމަހުގެ 10 އިން 12 ވަނަ ދުވަހަށް ބޭއްވި ކެޑޭޓް ކޭމްޕެއްގައި ބައިވެރިން 70 ވަރަކަށް އަންހެން ކުދިން ފާހާނާ ބަރި ކައިރިއަށް ގެންގޮސް ހެދުން ބޭލުވުމަށްފަހު ޕްރެޝަރުގައި އެ ދަރިވަރުންގެ ގަޔަށް ފެން ޖަހާފައިވާ ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް ރެހެންދި ސްކޫލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެއްވެސް ބެލެނިވެރިއެއްގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ސްކޫލުގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސްކޫލުގައި ރަޖިސްޓްރީ ނެތް ފަރާތަކުން ސްކޫލުގެ ނަމާއި ކެޑޭޓް ކޯގެ އަދި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ފަދަ ވާހަކަ ފަތުރުމުންދާތީ އެކަން ނުކުރުމަށް ވަނީ އެދިފައެވެ.

"ކޭމްޕު ނިމިގެން ދިޔަ އިރުވެސް އެއްވެސް ދަރިވަރެއްގެ ފަރާތުންވެސް އަދި ޓީޗަރެއްގެ ފަރާތުންވެސް މިފަދަ މައްސަލައެއްގެ ވާހަކަ ހިއްސާކޮށްފައިނުވާކަން މައުލޫމާތައްޓަކައި ދަންނަވަމެވެ. އަދި ކޭމްޕު ނިމުމަށްފަހު ކޭމްޕް ތެރޭގައި މިފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ބެލެނިވެރިއަކު ހިއްސާކޮށްފައެއް ނުވޭ،" ރެހެންދި ސްކޫލުން ބުންޏެވެ.

ކޭމްޕް ކުރިއަށް ދިޔަ އިރު ސްކޫލުގެ ކެޑޭޓް މުދައްރިސުން ވެސް ތިބި ކަމަށް ރެހެންދި ސްކޫލުން ބުންޏެވެ.

އެ ސްކޫލުން ބުނީ ކޭމްޕުގައި 200 ކެޑޭޓް ދަރިވަރުން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން 78 އަންހެން ދަރިވަރުންނާއި 122 ފިރިހެން ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި އަންހެން ދަރިވަރުންނަށް ހަމަޖައްސާފައިވަނީ އަންހެން އިންސްޓްރަކްޓަރެއް ކަމަށާއި ފިރިހެން ދަރިވަރުންނަށް ހަމަޖައްސާފައިވަނީ ފިރިހެން އިންސްޓްރަކްޓަރެއް ކަމަށް ރެހެންދި ސްކޫލުން ބުންޏެވެ.