ސްމާޓް އައިޑީ ކާޑު ފަރުމާ ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އަނެެއްކާވެސް ހުޅުވާލައިފިއެވެ.
އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައި، އާ ޑިޒައިން ފަރުމާކުރުމަށް އެންމެ ފުރަތަމަ ހުޅުވާލީ މި އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އަލުން ވަނީ އިއުލާނުކޮށްފައެވެ.
ފުރަތަމަ ކުރި އިއުލާން ބާތިލުކޮށްފައިވާ ސަބަބެއް ޑީއެންއާރަކުން ހާމަނުކުރި ނަމަވެސް ދެވަނަ ފަހަރަށް ކުރި އިއުލާން ބާތިލުކުރަން ނިންމީ އެކަށީގެންވާ އަދަދަކަށް ހުށަހެޅުންތައް ލިބިފައިނުވާތީ ކަމަށް އެ ޑިޕާޓުމަންޓުން ބުންޏެވެ.
މިހާރު ބޭނުންކުރާ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ އިތުބާރާއި ޔަގީންކަން އޮންނަ، ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ނިންމައި، އެކަން ކޮށްދޭނެ ބަޔަކު ހޯދަން ޑީއެންއާރުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، އެކަމަށް ބަޔަކު ހޮވާނީ އެ ބައެއްގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓުގެ ފުރިހަމަ ކަމަށް ބެލުމަށްފަހުއެވެ.
އަދި އައިޑީ ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް 200,000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ވެސް ލިބޭނެއެވެ.
ޑީއެންއާރުން ބުނީ، ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑިއަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 1:00 އަށް ކަމަށެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓުކޮށް އެ ފަރާތްތަކަށް އައިޑީ ކާޑުގެ ދެ ފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮންނާނެ ކަމަށް ބުންޏެވެ.
މިހާރު ބޭނުން ކުރަމުންދާ އައިޑީކާޑު ހެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 1984 ވަނަ އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު