ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީނުގައި އަޅުވައިގެން ދެއްކުން މަނާ ނުވާނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން ވޯލްޑް ކަޕާ ގުޅިގެން އަމަލުކުރަމުންދާނީ ފީފާގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން ފީފާގެ ގަވާއިދުގެ ދަށުން އާންމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވިޔަފާރި އުސޫލު ނޫން ގޮތަކަށް މެޗުތައް ދެއްކުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެގޮތަށް ދައްކާ ނަމަ މީޑިއާނެޓުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށް ބުންޏެވެ.

ނަމަވެސް ވިޔަފާރި އުސޫލުން މާލީ މަންފާއެއް ހާސިލުކުރުމަށްޓަކައި މެޗުތައް ދެއްކުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކަނޑައެޅިފައިވާ އުސޫލްތަކާ ހިލާފަށް ވޯލްޑް ކަޕް ދައްކާނަމަ އެފަދަ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.