މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް (އެމްބީއެސް) އިން ބޯހިމެނުމުގެ މަސައްކަތަށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ މައުލޫމާތު ހޯދަން ފަށައިފިއެވެ.

އެމްބީއެސްއިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ އިދާރާއިން ކުރިއަށް ގެންދާ ބޯހިމެނުގެ މަސައްކަތަށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ސާވޭ ހަދަން ފަށާފައިވާ ކަމަށެވެ. އަދި އެ ސާވޭ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެންކަމުން ސާވޭގެ މުއްދަތު ހަމަނުވަނީސް ބޭރުގައި ދިރިއުޅޭ ދިވެހިން [ވެބްސައިޓް](https://statisticsmaldives.gov.mv/census-study) މެދުވެރިކޮށް މައުލޫމާތު ފުރިހަމަކުރުމަށް އެދޭ ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެމްބީއެސްއިން ވަނީ ބޯހިމެނުގެ ވަގުތީ ނަތީޖާ މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައެވެ. އެގޮތުން އަށް އަހަރުން ރާއްޖޭގެ އާބާދީއަށް 16،897 ދިވެހިން ވަނީ އިތުރުވެފައެވެ. މިހާތަނަށް ގުނުނު އާބާދީގައި، ރާއްޖޭގައި ދިރިއުޅޭ ދިވެހީންގެ އަދަދަކީ 355،331 ކަމަށެވެ.

އެ އަދަދަކީ 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީއަށް ވުރެ 16،897 މީހުން އިތުރު އަދަދެކެވެ. 2014 ވަނަ އަހަރު ރާއްޖޭގައި ދިވެހިންގެ އާބާދީއަކީ 338،434 ކަމަށް އެމްބީއެސްއިން ބުނެފައިވެއެވެ.

އެމްބީއެސްއިން ބުނެފައިވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންގެ ތެރެއިން 89 ޕަސެންޓް މީހުންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

ވަގުތީ ނާތީޖާގައިވާ ގޮތުން އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ވަނީ 33،527 ބިދޭސީން އިތުރުވެފައެވެ. ރާއްޖޭގައި މިހާރު ދިރިއުޅެމުން އަންނަ ބިދޭސީންގެ އަދަދަކީ 97،160 އެވެ. އެ އަދަދަކީ 2014 ވަނަ އަހަރުގެ ބިދޭސީންގެ އާބާދީގެ ގޮތުގައި ރާއްޖޭގެ އުޅެމުން ދިޔަ އާބާދީއަށް ވުރެ 33،527 ބިދޭސީން އިތުރު އަދަދެކެވެ. 2014 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބިދޭސީންގެ އާބާދީއަކީ 63،637 އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ އާބާދީ 65 ޕަސަންޓް އިތުރުވެފައިވާ ކަމަށް ވެސް އެމްބީއެސްއިން ބުނެފައިވެއެވެ.