އާންމުންގެ އަތުން އެއްވެސް އަގެއް ނުނަގާ ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ހިލޭ ދެއްކޭ ގޮތް ހެދުމަށް ފިނޭންސް މިނިސްޓްރީން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) ދޭން ނިންމައިފިއެވެ.

އާންމުންނަށް ހިލޭ ދައްކަންޖެހޭ އިވެންޓުތަކުގެ ލިސްޓް ބްރޮޑްކާސްޓިން ކޮމިޝަނުން އިސްލާހުކުރި އިރު، އެ ލިސްޓުން ވޯލްޑް ކަޕް އޮތީ އުނިކޮށްފައެވެ. އެހެންކަމުން މުބާރާތުގެ ރައިޓްސް ރާއްޖެއިން ނަގާފައިވާ މީޑިއާނެޓުގެ އަތުން ބޮޑު އަގުގައި އެ ގަންނަން ޕީއެސްއެމްއަށް އޮތީ މަޖުބޫރުވެފައެވެ.

އެކަމާ ގުޅިގެން އާންމުންގެ އަތުން އިތުރު އަގެއް ނަގައިގެން މެޗުތައް ދައްކަން ޕީއެސްއެމުން ނިންމިއެވެ. ނަމަވެސް އެކަމާ ގުޅިގެން އާންމުންގެ، ހާއްސަކޮށް މަޖިލިސް މެންބަރުންގެ ކަންބޮޑުވުން ބޮޑުވިއެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމު މިއަދު "ވަން" އަށް ވިދާޅުވީ، ވޯލްޑް ކަޕް ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދިޔައިރު، ފައިސާ ހަމަނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފައިނުވާ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ފައިސާ ދޭން ހަމަޖެއްސުމާ ގުޅިގެން ހުރިހާ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި ހިލޭ ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ޕީއެސްއެމުން ފަހު ކޮށްދޭނެ ކަމަށާއި މެޗުތައް ދައްކަމުންދާނީ ޕީއެސްއެމްގެ ޔެސްޓީވީން ކަމަށްވެސް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން ފައިސާ ދޭނީ މީޑިއާނެޓަށް މެޗުތަކުގެ ރައިޓްސް ގަތުމަށެވެ. ޝަމީމު ވިދާޅުވި ގޮތުގައި، ވޯލްޑް ކަޕް ދެއްކުމަށް ސަރުކާރުން ފައިސާ ދޭން ނިންމުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.