މިފްކޯގެ 29 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް ގިނަ އަދަދެއްގެ ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.
މިފްކޯއިން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އިއްޔެ ފިޔަވައްޗަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި މިފްކޯގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާންއާއި ސީއެފްއޯ އިލްޔާސް ހަނީފްއާއި ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ އިތުރުން ބައެއް މުވައްޒަފުން ބައިވެރިވިއެވެ.
މި ޒިޔާރަތުގައި މިފްކޯއިން ވަނީ ފިޔަވަތީގެ ކުޑަކުދިންނަށް ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އެ މަރުކަޒުގައި ދިރިއުޅޭ އެކި އުމުރުފުރާގެ ކުދިން ބައިވެރިވިއެވެ. އަދި ފިޔަވަތީގެ މުވައްޒަފުންނާއި މިފްކޯގެ މުވައްޒަފުން ބައިވެރިވާ ގޮތަށް ތްރީ-ލެގްޑް ރޭހެއްވެސް ބޭއްވިއެވެ.
މި ޒިޔާރަތުގައި ފިޔަވައްޗާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެދެވެން އޮތް އެހީއާއި އެއްބާރުލުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މިފްކޯއިން ވަނީ އެ ކުންފުނީގެ އަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފައެވެ. އެގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާހެން ވޮލީ، ބަށި އަދި ފުޓްސަލް މުބާރާތްތައް ކުރިއަށް އެބަގެންދެއެވެ. އަދި އަތޮޅުތަކުގައިވާ މިފްކޯގެ ސައިޓުތަކުންވެސް ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު