ތާރީހު އޮޅުވާލައިގެން މުއްދަތު ހަމަވެފައިވާ ބާސްމަތީ ހަނޑޫ ޕެކެޓުތަކެއް ވިއްކަމުންދާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދެފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާކިސްތާނުގެ އުފެއްދުމެއް ކަމަށްވާ "އަލް ގަމަރު" ގޯލްޑް ޕްރީމިއަމް އެރޯމެޓިކް ވައިޓް ބާސްމަތީ ރައީސްގެ މުއްދަތު ހަމަވެފައިވާ ފަސް ކިލޯގެ ޕެކެޓުތަކެއް މުއްދަތު ހަމަވެފައިނުވާ ކަމަށް ދައްކަން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ރާއްޖޭގައި ވިއްކަމުންދާ ކަމަށް އެ އޮތޯރިޓީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން އެ އޮތޯރިޓީން ބެލިބެލުމުން އެ ހަނޑޫ ޕެކެޓުގެ މުއްދަތު ހަމަވުމުން ވިއްކަމުން ދިޔައީ އޭގެ މުއްދަތު ހަމަވާ ތާރީހު ހުންނަ ތަނުގެ މަތީގައި ސްޓިކާއެއް ހަރުކޮށް، ތާރީހަށް ބަދަލު ގެނެސްގެން ކަމަށް ބުންޏެވެ.

އެ އޮތޯރިޓީން ބުނީ މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ގެއްލި އާންމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ. އެހެންކަމުން މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ކާބޯތަކެތި އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އަދި އެފަދަ ތަކެތި ބޭނުން ނުކުރުމަށްވެސް އިލްތިމާސްކުރިއެވެ.

މި ހަނޑޫ ޕެކެޓުތައް ވިއްކަމުން ދިޔައީ ކޮން ތަނަކުން ކަމެއް އަދި މުއްދަތު ހަމަވެފައިވަނީ ކޮން ތާރީހަކަށް ކަމެއް ނޭނގެއެވެ.