އެޑިއުކޭޝަން މިނިސްޓްރީން ވެލިއު އެޑިއުކޭޝަން ޕްރޮގްރާމެއް މިއަދު އިފުތިތާހުކޮށްފިއެވެ.

ތާޖުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި "ދަ ލީޑާ އިން މީ" ޕްރޮގުރާމް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް 12-9 ގެ ދަރިވަރުންނަށް އަމާޒުކޮށްފައިވާ މި ޕުރޮގުރާމަކީ ދަރިވަރުންގެ ގައިގާ ރިވެތި އަހުލާގާއި ދިވެހި އިސްލާމީ މުޖުތަމައުއަށް ފައިދާ ހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމަށް އަމާޒުކޮށް ފެށި ޕުރޮގުރާމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ޕްރޮގުރާމުގެ މައިގަނޑު އެއް މަގުސަދަކީ ގައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުން ގައިގައި އަށަގެންނެވުމަށް ސްކޫލްގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް އެޅުން ކަމަށެވެ.

"އަޅުގަނޑު އެދެނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ މަދަރުސާތަކުން ނުކުންނަ ކޮންމެ ދަރިވަރަކީ ސައްހަ އިސްލާމްދީން މަތީގައި ދެމިތިބޭ، ގައުމުދެކެ ލޯބިވާ، 21 ވަނަ ގަރުނުގައި ކާމިޔާބުކަމާއެކު ދިރިއުޅުމަށް ބޭނުންވާ މައުލޫމާތާއި ހުނަރުތައް ލިބި ތިބި ދުޅަހެޔޮ، ހަށިހެޔޮ ދަރިވަރުންތަކަކަށްވުން," މިނިސްޓަރު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕުރޮގުރާމުގެ ސެޝަންތައް ފެސިލިޓޭޓް ކޮށްދެއްވާނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ވާހަކަދެއްކުންތެރިން އަދި ލައިފް ކޯޗުން ކަމަށްވާ މަސްއޫދު އަލީ އަދި ހުސައިން އަފީފު ކަމަށެވެ. އެ ބޭފުޅުން އަތޮޅުތެރެއަށް ވަޑައިގެން އެކި ރަށްރަށުގެ ސްކޫލުތަކުގައިވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.