މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ (އެމްއޭއޭ) ގައި ޕައިލެޓުކަން ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކު ކޯސް ފުރިހަމަކޮށްފިއެވެ.
އެމްއޭއޭ އިން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ އެކަޑަމީގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ކޮމާޝިއަލް ޕައިލެޓް ލައިސަންސް (ސީޕީއެލް) ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެމްއޭއޭ އިން ކޯސް ފުރިހަމަކޮށްފައިވަނީ ފިރިހެން ދަރިވަރަކާއި އަންހެން ދަރިވަރެކެވެ. އެއީ އަޖްމަލް ފަރީދާއި ރަޔާހު ރަޝީދެވެ.
އެމްއޭއޭ އަކީ އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިން އެކެޑަމީއާ ގުޅިގެން ހިންގާ ފްލައިން ސްކޫލެކެވެ.
އެމްއޭއޭ ގާއިމުކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަން ހަދައި ނިމި، ސްކޫލު ހިންގުމުގެ ހުއްދަ ދިނުމުން ފްލައިން ސްކޫލުގެ ދަރިވަރުންގެ އުދުުހުމުގެ ތަމްރީނުތައް ރަސްމީކޮށް ފަށާފައިވަނީ މިިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ބުނެފައިވަނީ އުދުހުމެގެ ތަމްރީނުތައް ފުރަތަމަ ފުރިހަމަކުރާނީ ސްރީ ލަންކާގެ އޭއޭއޭ ކުންފުނިން އައްޑޫގައި ހިންގި ފްލައިން ސްކޫލު ބަންދުކުރުމުން ކިޔެވުން ނުނިމި ތިބި 150 ދަރިވަރުންގެ ތެރެއިން ރީފްރެޝާ ތިއަރީ ކްލާސްތަކުގެ 150 ގަޑިއިރު ފުރިހަމަކުރި 35 ދަރިވަރުން ކަމަށެވެ.
ރާއްޖޭގެ ސިވިލް އެވިއޭޝަނާއި ޔޫރަޕިއަން އެވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސް)ގެ ސްޓޭންޑާޑުތަކާ އެއްގޮތަށް ހިންގާ އެމްއޭއޭގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ފުރަތަމަ ބެޗާއި ދެ ވަނަ ބެޗުގެ ދަރިވަރުންގެ ފްލައިން ނިންމާލައި، ތިންވަނަ ބެޗްގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ފެށުމެވެ.
އެމްއޭއޭ އަކީ ރާއްޖޭގައި ދިވެހި ކުންފުނިތަކަކުން ގާއިމުކޮށްގެން ހިންގާ ފުރަތަމަ ފްލައިން ސުކޫލެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު