އެމެރިކާގެ ފްލޮރިޑާ ސްޓޭޓުން ފުރައިގެން ނިއުޖާޒީ ސްޓޭޓަށް ދަތުރުކުރި މަތިންދާބޯޓެއްގެ ބިޒިނަސް ކްލާސް ކެބިންގެ ތެރެއިން ހަރުފައެއް ފެނިގެން ޕެސިންޖަރުންގެ ތެރޭގައި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިއްޖެއެވެ. ހަރުފަ ފެނުނު ބޯޓަކީ އެމެރިކާގެ އެއަރލައިނެއް ކަމަށްވާ ޔުނައިޓެޑްގެ ފްލައިޓެކެވެ. ހަރުފަ ފެނުނީ ނިއުޖާޒީގެ ނިވްއާރކްގެ ލިބަރޓީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތިރިކޮށް ގޭޓު ކައިރިއަށް ޓެކްސީ ކުރަނިކޮށެވެ.
ބޯޓުގެ ބިޒިނަސް ކުލާސް ކެބިންގެ ތެރެއިން ހުސްވި ހަފުތާގައި ފެނުނު ހަރުފަޔަކީ ވިހަލާ ވައްތަރުގެ ހަރުފައެއް ނޫނެވެ. އަދި މާބޮޑު ހަރުފައެއްވެސް ނޫނެވެ. އެކަމަކު ހަރުފަ ފެނުމާއެކު ޕެސިންޖަރުން ބިރުން އެގޮތް މިގޮތަށް އުޅެންޖެހުނެވެ. އެކަކަށްވެސް އަނިޔާނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބޯޓު ގޭޓާއި ކައިރިކުރުމާއެކު ތަޖުރިބާކާރުން އެޔަށް އަރައި ހަރުފަ ވަނީ ހިފައިފައެވެ. ފަހުން އެސޮރު ވަނީ ޖަންގަލީގެ ތެރެއަށް ދޫކޮށްލައިފައެވެ.
މި ބޯޓުން ހަރުފައެއް ފެންނަން މެދުވެރިވި ސަބަބާމެދު އެއަރލައިނުގެ ފަރާތުންވެސް އަދި ނިވްއާރކް އެއަރޕޯޓުގެ މެނޭޖްމަންޓުގެ ފަރާތުންވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު ގަބޫލުކުރެވިފައިވާ ގޮތުން ބޯޓުގެ ތެރެއަށް ހަރުފަ ވަދެގަތީ ފްލޮރިޑާގެ ޓެމްޕާ އެއަރޕޯޓުންނެވެ. ފްލޮރިޑާއަކީ ހަރުފަ ގިނަ ސްޓޭޓެކެވެ. މަތިންދާބޯޓުތަކުގެ ތެރެއިން ހަރުފަ ފެނުމަކީ މަދުންނަމަވެސް ހިނގާ ކަމެކެވެ. މީގެ ހައަހަރު ކުރިން މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީއަށް ދަތުރުކުރި އެގައުމުގެ އޭރޯމެކްސިކޯ އެއަރލައިނުގެ ބޯޓެއްގެ ތެރެއިންވެސް ވަރަށް ބިޔަ ހަރުފައެއް ފެނިފައިވެއެވެ.
މަތިންދާބޯޓެއްގެ ތެރެއިން ވިހަކަންގަދަ ނުރައްކާތެރި ހަރުފަތަކެއް ފެންނަ ފިލްމެއްވެސް 2006 ވަނަ އަހަރުގެ ތެރޭގައި ނެރެފައިވެއެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ކުޅެފައިވާ އެ ފިލްމަކީ ގާތިލަކާ ދެކޮޅަށް ސަރިޔަތުގައި ހެކިދޭންހުރި މީހަކު މަރާލުމަށްޓަކައި މުޖުރިމުންގެ ބަޔަކު މަތިންދާބޯޓެއްގެ ތެރެއަށް ވިހަކަންގަދަ ހަރުފަތަކެއް ދޫކޮށްލާ މަންޒަރު ދައްކުވައިދޭ ފިލްމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ