ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މަސްތުވާތަކެތީގެ ޝިކާރައަށް ވެފައިތިބި އަންހެނުންނަށް ހާއްސަ ފަރުވާގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ އޭޖެންސީގެ ޗެއާމަން ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ.

ސީޓްރެކް ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާއު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށް މިދިޔަ އަހަރު ޑަބްލިއުއެޗްއޯގެ އެހީގައި ރަނގަޅު ދިރާސާއެއް ކޮށްފައިވާ ކަމަށާއި އެ ދިރާސާގެ އަލީގައި ރާއްޖެއަށް ދިމާވެފައިވާ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ހުރި މިންވަރާއި އެކަން ހުއްޓުވުމުގެ މަސައްކަތްތައް އަމާޒުކުރަންޖެހޭ ދާއިރާތައް މިހާރު ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ބައިނަލް އަގުވާމީ ޖަމިއްޔާތަކުގެ ހިލޭ އެހީ އާއި ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަން އެންޑީއޭ އަށް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށާއި އެގޮތުން ލިބުނު ފަންނީ އެހީތެރިކަމުގެ ދަށުން އަންހެނުންނަށް ހާއްސަ ފަރުވާ ދިނުމުގެ ޕްރޮގްރާމެއް ފަރުމާކުރެވިފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ. އެ ޕްރޮގްރާމް އަންނަ މަހު ހުޅުމާލޭގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަންނަ މަހު އަޅުގަނޑުމެން އަންހެނުންގެ ރިހެބިލިޓޭޝަނަށް ހާއްސަ، އިރާދަކުރެއްވިއްޔާ ފެއިލް ނުވާނެ ޕްރޮގްރާމެއް އަޅުގަނޑުމެން ހުޅުމާލޭގައި ފައްޓާނަން،" ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ބައިނަލް އަގުވާމީ ޖަމިއްޔާތަކުގެ ހިލޭ އެހީގެ ދަށުން އެންޑީއޭގައި ކުލިނިކަލް ހިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ އަދަދު އިތުރުކުރެވިފައިވާ ކަމަށާއި އެގޮތުން ކުރިން އެންމެ ސައިކޭޓްރިއަސްޓެއް ހުރި ނަމަވެސް މިހާރު އިތުރު ދެ ސައިކޭޓްރިއަސްޓުން އެންޑީއޭއަށް ގެނެވިފައިވާ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ތިން ސައިކޮލޮޖިސްޓުން އެންޑީއޭގެ ހިދުމަތާ ގުޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް މަރާމާތުކޮށް އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭ ހުޅުވާނެ ކަމަށާއި އެތަން އަލުން ހުޅުވާނީ ފަރުވާ ލިބިގެން މުޖުތަމައަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފުރިހަމަޔަށް ލިބޭނެ "ރީއިންޓަގްރޭޓެޑް ހަބެއްގެ" ގޮތުގައި ކަމަށް ޝަމާއު ވިދާޅުވިއެވެ.

"އެތަނުގައި ވަރަށް ބޮޑަށް އެމަސައްކަތްތައް ހިންގާނެ. އެމީހުންނަށް އެކިއެކި ތަމްރީނުތައް ފޯރުކޮށްދެވޭނެ. އެކިއެކި ހުނަރުތައް ދަސްކޮށްދެވޭނެ. އެކިއެކި ޕްރޮގްރާމްތައް، ސެޝަންތައް ހިންގޭނެ،" ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މި މަސައްކަތްތަކުގެ އިތުރުންވެސް ފަރުވާއަށްފަހު ނުކުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ނެރުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް ސަރުކާރުގެ ކުންފުނިތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަމުން އަންނަ ކަމަށާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ އެކުވެސް އެކަމުގެ މަޝްވަރާތައްކޮށް، ރިސޯޓުތަކުން އެކަމުގައި އެންޑީއޭއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.