މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަވަހަށް ފެށޭނެކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ދުބާއީގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވި ކަމަށާއި އެގޮތުން މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އަވަހަށް ފެށޭނެކަމުގެ ޔަގީންކަން ސައިފް ދެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ފަރާތުން ރާއްޖޭގެ ތަރައްގީގެ ދާއިރާއިން ލިބެމުން އަންނަ އެއްބާރުލުމަށް އޭނާއަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ބޮޑުކުރަން ނިންމައި, އެކަމުގެ މަސައްކަތް މިދިޔަ އަހަރުގެ ކުރީކޮޅު ފެށި ނަމަވެސް އެކަމަށް އީޕީއޭ އިން ފުރަތަމަ ހުއްދައެއް ނުދިނެވެ. ފަހުން އެ ނިންމުން އިސްތިއުނާފު ކުރުމުން ހުއްދަ ދިނެވެ.

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ނުވަތަ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަަހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫއަށް ޔޫއޭއީގެ އެހީ ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.