މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް (އެމްބީއެސް) އިން ބޯހިމެނުމުގެ މަސައްކަތް ހަފުތާއެއްގެ މުއްދަތަށް އިތުރުކޮށްފިއެވެ.

އެމްބީއެސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބޯހިމެނުމުގެ މައުލޫމާތު ނުނެގިވާ ތަންތަން ފާހަގަކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން މާލެ ސަރަހައްދުގައި ތަޅުލާފައި ހުރި ތަންތަނުގެ ތެރެއިން 41 ޕަސަންޓް ތަންތަނުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބޯހިމެނިފައިނުވާކަން އެމްބީއެސްއަށް އަންގަމުންގެންދާ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެމްބީއެސްއިން ބުންޏެވެ.

".. 18 އޮކްޓޫބަރު ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ނިންމާލުމަށް އަމާޒުކޮށް ބިއުރޯގެ މުވައްޒަފުން ގެންދަނީ މަސައްކަތް ކުރަމުންނެވެ..،" އެމްބީއެސްއިން ބުންޏެވެ.

ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ރައްޔިތުން ހިމެނިގެންކަމުން ބޯހިމެނުމުގައި ކޮންމެ މީހަކުވެސް ހިމެނުނުކަން ޔަގީންކުރުމަށް އެމްބީއެސް އިން ވަނީ އެދިފައެވެ.

އެމްބީއެސް އިން ބުނީ، ބޯހިމެނިފައި ނުވާ މީހުންނާއި ތަންތަނުން އެ ބިއުރޯގެ ހޮޓްލައިން، 1423 ނުވަތަ 3008400 އަށް އަންގައިދިނުން އެދޭ ކަމަށެވެ. އަދި https://statisticsmaldives.gov.mv/hh-and-est-info/ މެދުވެރިކޮށް ވެސް ހިމެނިފައި ނުވާ މީހުންނާއި ތަންތަނުގެ މައުލޫމާތު ދެވެން ހުންނާނެ ކަމަށެވެ.

މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޯހިމެނުން މިހާރު ވަނީ ނިންމާލައިފައެވެ. އެމްބީއެސް އިން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުގައި މާލޭ ސަރަހައްދުގައި ނުވަދެވުނު 900 އެއްހާތަން އެބަ ހުއްޓެވެ.

އެމްބީއެސް އިން އޭރު ބުނެފައިވަނީ، މިމަހުގެ 20 ވަނަ ދުވަހު ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ. ވަގުތީ ނަތީޖާ އިއުލާންކުރުމަށް އެމްބީއެސް އިން ފުރަތަމަ ޓާގެޓުކުރީ މިމަހުގެ ހަވަނަ ދުވަހަށެވެ.