ހުޅުމާލެ ގާޒީ ސްކޫލުގެ ޕީޓީއޭގެ ފަރާތުން ކުރިއަށްގެންދާ ނައިޓް މާކެޓް، "ގާޒީ ސޭލް 2022" ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ރޭގަނޑު 12:00 އަށް ހުޅުވާފައި ބަހައްޓާގޮތަށް ހަމަޖައްސައިފިއެވެ.

މީގެ ކުރިން މި ނައިޓް މާކެޓް ހުޅުވަނީ ހަވީރު 4:00 ގައެވެ. ނަމަވެސް ނައިޓް މާކެޓް އަވަހަށް ހުޅުވަން ނިންމީ، މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމުން މާކެޓަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް އެތަނަށް ޒިޔާރަތްކުރަން އިތުރު ވަގުތު ދިނުމާއި، ނައިޓް މާކެޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމަށެވެ.

ގާޒީ ސްކޫލުގެ ގޯތި ތެރޭގައި ކުރިއަށްގެންދާ ސޭލްގައި ހެޔޮ އަގުގައި ތަފާތު މުދާ ގަންނަން ލިބޭ ސްޓޯލުތައް ހިމެނެއެވެ. އޭގެ ތެރޭގައި ބަދިގޭ ސާމާނާއި، ކޮސްމެޓިކްސް އާއި ކޮސްޓިއުމް ވިއްކާ ސްޓޯލުތައް ހިމެނެއެވެ. މީގެ އިތުރުން ކާނާގެ ތަފާތު ބާވަތްތައް ލިބެން ހުންނަ ސްޓޯލްތައްވެސް މި ސޭލްގައި ހިމެނެއެވެ.

މި ސޭލަކީ ގާޒީ ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ ބައެއް ކަންކަން ހަމަޖެއްސުމުގައި ޕީޓީއޭގެ ފަރާތުން އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްގެންދާ ސޭލެކެވެ.

މި ސޭލް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ކުރިން ނިންމާފައިވީ ނަމަވެސް، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ މުއްދަތު އިތުރުކޮށްފައެވެ.