ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި އެރަށު ސްކޫލުގައި އާރްއޯ މެޝިނެއް ބަހައްޓައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ޕްރޮޖެކްޓްގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް އާރްއޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ފެން ބޯން ލިބޭނެހެން ސްކޫލުގައި ދެ ވޯޓާ ޑިސްޕެންސާވެސް ބަހައްޓާފައިވާ ކަމަށް ބުންޏެވެ.

ކޮމިއުނީ ފަންޑުގެ އެހީގައި މިމަސައްކަތް ކުރިއަށްގެންދިޔަ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ "ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން"ގެ ފަރާތުން މުސްތަފާ އަހުމަދު ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން އެރަށު ސްކޫލުގައި ކިޔަވަމުން އަންނަ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކަމާ އެކު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ، ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިއުން،" އޭނާ ބުންޏެވެ.

މި ޕްރޮޖެކްޓް ގެ ދަށުން އެޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަށާއި މުވައްޒަފަކަށް ރީޔޫސަބަލް ފުޅިއެއް ހަދިޔާކޮށްފައެވެ. އަދި މި ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއް ގޮތުގައި ކުރިއަށް ގެންދިއުމަށް އެ ޖަމިއްޔާއިން ފެން ޕްލާންޓާއި ފިލްޓަރު އަދި ޑިސްޕެންސަރުތަކުގެ މެއިންޓެނަންސް ބަލަހައްޓާނެއެވެ.