މިދިޔަ ބުރާސްފަތި ދުވަހު މާލޭގެ ކުރީގެ ކުނިކޮށްޓާ ދިމާލުން ފުރައިގެން އއ. އުކުޅަހަށް ދަތުރުކުރި ކަމަށް ބުނާ ލޯންޗެއް އެ އަތޮޅު މާޅޮހު ކައިރިއަށް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ކަމަށް ފުރަތަމަ ބުނީ އެމްއެންޑީއެފުންނެވެ. ސިފައިން އެދުނީ އެ ލޯންޗާ ބެހޭ މައުލޫމާތު އެނގޭ ބަޔަކު އެކަން ހިއްސާކުރުމަށެވެ.

އޭގެ ފަހުން ފުލުހުން ކުރި ދެތިން ޓުވީޓެއްގައި އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމާއި އޭގެ ތެރެއިން އެކަކު އއ. ފެރިދޫ ފުއްޓަރު ފަރާތުން ފެނުނު ކަމަށް ބުންޏެވެ. ދެން ހުރި މީހާ ގެއްލިގެން ހޯދަމުން އަންނަ ކަމަށްވެސް މައުލޫމާތު ދިނެވެ.

ފުލުހުން ބުނި ގޮތުގައި, ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ މީހާއަކީ ލޯންޗު މާލެއިން ފުރި ދުވަހުގެ ރޭގަނޑު 8:50 ހާއިރު އޭނާ ގެއްލިގެން އުޅޭކަން އާއިލާއިން ރިޕޯޓްކޮށްފައިވާ މީހެކެވެ. ނަމަވެސް އޭގެ ފަހުން 24 ގަޑިއިރު ވެގެން ދިޔައިރުވެސް ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް ނުލިބެއެވެ. އަދިވެސް ފުލުހުން މި މައްސަލައިގެ މާ ބޮޑު ތަފުސީލެއް ނުދެއެވެ.

"ވަން" ގެ ނިއުސް މިހާތަނަށް ކުރި މަސައްކަތުން އެނގޭ ގޮތުގައި މި މައްސަލައިގައި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ.

"ވަން"ގެ ޓީމުން ކުރި މަސައްކަތުން ވަނީ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ސަލާމަތްވި މީހާގެ ފަރާތުން ބައެއް މައުލޫމާތު ހޯދިފައެވެ. އެ މީހުން ދަތުރުކުރީ މަހަށް ކަމަށާއި މާޅޮހު ބޭރަށް ދިޔައީ މަސް ނުބޭނިގެން ބޮޑެތި ބޯވަދިލަމަސް ބާނަން ވެގެން ކަމަށް އޭނާ ބުނެފައިވެއެވެ.

ބަންޑުން ޖަހާލި ލޯންޗުގައި ދަތުރުކުރީ ފެނުނު މީހާއާއި ހޯދަމުން އަންނަ މީހާއާ ދެ މީހުން އެކަނި ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުން ދަތުރުކުރީ 36 މީހުންގެ ޖާގައިގެ ފަސިންޖަރު ލޯންޗެއްގައެވެ. މިފަދަ ލޯންޗުފަހަރުގައި މީހުން މަހަށް ނުކުމެ އުޅުމަކީ ވަރަށް ނާދިރު ކަމެކެވެ. ފަސިންޖަރުން އުފުލުމުގެ ދަތުރެއްގެ ތެރެއިން އެތެރެވަރީގެ ތަނެއްގައި މަޑުކޮށްގެން އޮންނަ އޮތުމެއްގައި މަހެއް ބާނަން ނަނެއް ދޫކުރި ނަމަވެސް، ދަތުރުހަދައި، މާކަނޑަށް މިވަރު ބޮޑު ޕަސެންޖަރު ލޯންޗެއްގައި ދެމީހުންވެގެން މަހަށް ނުކުމެދާނެތޯ ސުވާލު އުފެދެއެވެ. ހާއްސަކޮށް މިދުވަސްވަރަކީ ހުޅަނގުން ވައިޖެހޭ ހުޅަނގު މޫސުމުގެ ވައިބާރު، ދުވަސްވަރަކަށްވާއިރު, ދެ މީހަކު އެހެން ނުކުމެ މާ ކަނޑުގައި އުޅޭ ވަރަށްވުރެ ކަނޑުގަދަވާނެއެވެ. އެމީހުން ނުކުތް ސަރަހައްދަށް އެއްވެސް ނިވަލެއް ނުލިބޭނެއެވެ. އެއީ އަތޮޅު ދުނީން ބޭރު މާކަނޑެވެ. އެ ސަރަހައްދުގެ ކަނޑު އާދައިގެ މިނަށްވުރެވެސް ގަދަވާނެއެވެ. ރާޅުވެސް ބޮޑުވާނެއެވެ.

އުފެދޭ އަނެއް ސުވާލަކީ ލޯންޗުގައި އެއްވެސް ނަމެއް އަދި ނަންބަރެއްވެސް ނެތުމެވެ. ރަޖިސްޓްރީ ނަންބަރަކަށް ޖަހާފައި އޮތީ P1263B-02 (12-F) އެވެ. ރާއްޖޭގެ އެކި ރަށްރަށަށް ދީފައިވާ ކޯޑުތަކަށް ބަލާއިރު 12-F އަކީ ބ. ތުޅާދޫއަށް ދީފައި އޮންނަ ކޯޑެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވި ގޮތުގައި، އެ ލޯންޗު ރަޖިސްޓްރީކޮށްފައި އޮންނަނީ އެރަށު މިއުނިކް, ސޮބާހް އަހުމަދު، ރަށު މީހުން ކިޔާނަމުން ނަމަ ސޮއްބެ ނަމަކަށް ކިޔާ މީހެއްގެ ނަމަށެވެ.

މެދުއުމުރުގެ އެ މީހާއަކީ ވަރަށް ކުރީއްސުރެ މާލޭގައި އުޅެމުންދާ ވިޔަފާރިވެރިއެއް ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވަނީ ލޯންޗު ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ކަމަށް ބުނާތަން ފާހަގަކޮށްފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން އެނގޭ ގޮތުގައި އެއީ މާޅޮހުގެ ދެކުނު ފަރާތުން ބޭރު ކަނޑެވެ. އެރަށު ފުއްޓަރާ މާކަ ދުރެއް ނޫނެވެ. މިން އަޅައި ބަލާއިރު ލޯންޗު ފެނުނު ސަރަހައްދާ މާޅޮހާ ދޭތެރޭގައި ހުންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ބައި މޭލެވެ. އެއީ ކަނޑުގެ އޮޔާއި ވައި ހުރި ގޮތުން ލޯންޗު ލައްވަމުން ގޮސް އޮތްތަން ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް މާލެއިން ފުރައިގެން އުކުޅަހަށް ދިޔަ އެ ލޯންޗު މާޅޮހު ކައިރިއަށް ބަންޑުން ޖަހާލާފައިވާ އޮއްވާ ފެނުމުން އެ ހިސާބުގައި ދަތުރުކުރާ ބައެއް މީހުން ސުވާލު އުފައްދައެވެ.

ކައްޕި ކަމުގައި ހަތް އަހަރު އުޅެފައިވާ އުކުޅަހު ލޯންޗެއް ދުއްވާ މީހަކު "ވަން" އަށް ބުނި ގޮތުގައި, އެމީހުން އާންމު ގޮތެއްގައި، ދުވާލަކު ހަތަރު ދަތުރު އުކުޅަހާއި މާލެއާ ދެމެދު ކުރެއެވެ. އާންމު ގޮތެއްގައި އުކުޅަހަށް ދަނީ ގިރާވަރު ފަޅުގެ ދެކުނުން ނުވަތަ އުތުރުންނެވެ.

"ހަމަގައިމުވެސް އުކުޅަހަށް ދަތުރުކުރާ ރޫޓަކުން ބަންޑުން ޖަހާލި ކަމަށް ބުނާ ލޯންޗެއް ނުދުއްވާ. އެ ލޯންޗެއް ނުވެސް ފެނޭ. އެއީ އަހަރެމެންނަކީ އުކުޅަހާއި މާލެއާ ދެމެދު ދުވާލަކު ހަތަރު ދަތުރުކުރާ ބައެއް. އެ ދޭތެރޭ ދަތުރުކުރާ ލޯންޗު ފަހަރު އެނގޭނެ," ޔަގީންކަމާއެކު އެ ކައްޕި ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިދުވަސްވަރަކީ ހުޅަނގުން ވައި ޖެހޭ ދުވަސްކޮޅެއް ކަމުން ގިނަ ލޯންޗުތަކުން ދަތުރުކުރާނީވެސް އެތެރެވަރިންނެވެ. އެހެންކަމުން ހުޅަނގުގެ އޮޔާއި ވައި ހުންނަ ގޮތުން ލޯންޗު ބަންޑުން ޖަހާލި ދިމާލަށް ދާންވީ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށް ބުންޏެވެ.

އުކުޅަހު ރޫޓުން ލޯންޗު ދިޔަ ކަމަށް ނުބެލެވޭ ނަމަ, ދެން އޮތް ރޫޓަކީ މާޅޮހުގެ ދެކުނުގައި އޮންނަ ހިމަންދޫއަށް ލޯންޗުތައް ވަންނަންދާ ރޫޓެވެ.

އއ. އަތޮޅުގެ ކަނޑާއި ފަޅު އަދި ގިރިތައް ދަންނަ އަދި ދަތުރުކުރުމުގައި 12 ވަރަކަށް އަހަރު އުޅެފައިވާ ހިމަންދޫ ކައްޕިއަކު ބުނި ގޮތުގައި, މާލެއާއި ހިމަންދޫއާ ދެމެދު އާންމުކޮށް ލޯންޗު ދަތުރުތައް ކޮށް އުޅެނީ މާލެއިން ފުރައިގެން އައިސް އެއްލައިދޫ މޯލްޑިވްސް ކައިރީގައި އޮންނަ މާގާ ކިޔާ ފަޅު ރަށަކުން އެތެރެވަރިއަށް ވަދެގެން އައިހެވެ.

ނަމަވެސް ބަންޑުން ޖަހާލި ލޯންޗު ހިމަންދޫ ރޫޓުން އުކުޅަހަށް ދާންޖެހޭނެ އެއްވެސް ސަބަބެއް އޭނާއަކަށް ވެސް ނުސްވިނެއެވެ. ލޯންޗު ބަންޑުން ޖަހާލާފައި އޮތީ އުކުޅަހު ބޭރަށްކަމުން, އެ މަގުން އެ ލޯންޗު ދާން އުޅުނީ ކަމަށް ބުނާނަމަ އެއީވެސް ސުވާލު އުފެދޭ ކަމެކެވެ.

"ބެލެވޭ ގޮތުގައި ލޯންޗު ދަތުރުކުރަން އުޅުނީ ފެރިދޫގެ ދެކުނުން ފުއްޓަރު ފަރާތު ބޭރު ކަނޑަށް ނުކުންނަން. އެކަމަކު ދެން އެވީކަމެއް ވެގެން ލޯންޗު ބަންޑުން ޖަހާލީމަ އޭގެން ސަލާމަތްވި މީހާ މި އެރީ ފެރިދޫއަށް. އެކަމަކު ހުޅަނގުން ވައިޖެހޭ ދުވަސްކޮޅަކަށްވެފަ އަދި އޮއިވަރު ހުރި ގޮތުން ލޯންޗު އެއްޗެހި ވަރަށް ބާރަށް ގެންގޮސްދާނެ. އެގޮތުން ލޯންޗު މާޅޮހު ކައިރިއަށް ގެންދިޔައީ ކަމަށް ލަފާކުރެވޭ," ލަފާކުރެވޭ ގޮތް ކިޔައިދެމުން ހިމަންދޫ ކައްޕި ބުންޏެވެ.

ބޭރު ކަނޑަށް ނުކުންނަން އުޅުނު ކަމަށް އެ ބުނާ ހީއަށް ބާރު ލިބޭ ގިނަ ކަންތައްތަކެއްވެސް އެބަހުއްޓެވެ. އެއީ މާލެއިން ފުރައިގެން އއ.ގެ އެއްވެސް ތަނަކަށް ދަތުރުކުރާ ބަޔަކު ބޭނުންވާ ވަރަށްވުރެ އިތުރަށް ލޯންޗުގެ ރިޒާވުގައި ޕެޓްރޯލް ހުރުމެވެ. ލޯންޗުގެ ޑެކުގައި 200 ލީޓަރުގެ ދެ ހަމާއި 20 ލީޓަރުގެ ހަންތަކެއްވެސް އަރުވާފައި ހުރި ކަމަށާއި ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުން އެއިން ބައެއް ހަން ފެނިގެން މާޅޮހަށް ގެންގޮސްފައިވާ ކަމަށް އެރަށު ކައުންސިލުގެ މެންބަރަކު ވިދާޅުވިއެވެ.

ފެރިދޫ ކައުންސިލުގެ ރައީސް އިސްމާއިލް ޝާހް "ވަން" އަށް ވިދާޅުވި ގޮތުގައި, ލޯންޗު ބަންޑުން ޖަހާލުމުން ސަލާމަތްވި މީހާ ބޮއެއްގައި އެލިގެން ފަތާފައި އެރަށަށް އެރީ ރަށުގެ ދެކުނު ފަރާތުގައި ހުންނަ އިންޖީނުގެއާ ތަންކޮޅެއް ހުޅަނގުންނެވެ. އޭނާއާ ފުރަތަމަ ދިމާވީ ދަތުރުގޮސް ތިބި ބަޔަކާ ކަމަށާއި ފުރަތަމަވެސް އެދުނީ ކާއެއްޗެއް ދިނުމަށް ކަމަށެވެ. އެޔަށްފަހު ފޯނެއް ދިނުމަށްވެސް އެދުނު ކަމަށާއި ނަމަވެސް އެކަން ފަހިނުކޮށްދޭ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މާޅޮހު ކައިރިއަށް ލޯންޗު ބަންޑުން ޖަހާލި ނަމަ، އޭނާ މާ ދުރުގައި އޮތް ފެރިދޫއާ ހަމަޔަށް ފަތާންވީ ކީއްކުރަން ހެއްޔެވެ؟ ކަނޑުވާ މީހަކު އެންމެ ފުރަތަމަވެސް ބަލާނީ އެންމެ ކައިރީން އަތުވާން އޮންނަ ހިކިފަސްތަނަކަށް އަރައި ފުރާނަ ސަލާމަތް ކުރެވޭތޯ ނޫންހެއްޔެވެ؟ ލޯންޗު ބަންޑުން ޖަހާލީ، މާޅޮހު ކައިރިއަށް އެރަށް އޭނާއާ މާބޮޑަށްވެސް ކައިރިވާނެއެވެ. ލޯންޗު ފެނުނު ސަރަހައްދާ މާޅޮހާ ދޭތެރޭގައި ހުންނާނީ ގާތްގަނޑަކަށް ބައި މޭލެވެ. އަނެއްކާ ފުއްޓަރު ފަރާތާ ކައިރިވެފައި, އޭރު އެ ސަރަހައްދުގައި ބަޔަކު ނުކުމެ އުޅުނުނަމަ ސަލާމަތްވުމުގެ ފުރުސަތު ޔަގީންކުރެވޭނެތީއެވެ.

ކޮންމެވެސް ސަބަބަކާހުރެ އޭނާއަށް މާޅޮހަށް ނޭރުނީ ކަމަށް ބަލަމާ ހެއްޔެވެ. އެހެންވިޔަސް، މާޅޮހާއި ފެރިދޫއާ ދެމެދު އޮތް ދުރުމިނާއި ހުރަސްތަކުގެ ވާހަކައިންވެސް އަނެއްކާވެސް އިތުރު ސުވާލުތަކެއް އުފެދެއެވެ.

މިން އަޅައި ބަލާއިރު, މާޅޮހާއި ފެރިދޫއާ ދެމެދު ގާތްގަނޑަކަށް 4.5 މޭލު ހުރެއެވެ. ދެ ރަށް ދޭތެރޭގައި ބޮޑު ތިލަ ފަޅެއްވެސް އެބައޮތެވެ. ވަންއާ ވާހަކަ ދެއްކި ދެ ކައްޕި އާއި ދެ ރަށުގެ ކައުންސިލުންވެސް ބުނާ ގޮތުން ހުޅަނގު މޫސުމުގައި ފެރިދޫއާއި މާޅޮހާ ދެމެދު ގަދަ ރާޅުގަނޑެއް އޮންނާނެއެވެ. އޮއިވެސް ވަރަށް ގަދަވާނެއެވެ. އެހެންކަމުން ސަލާމަތްވި މީހާ ފެރިދޫއަށް ދިޔަ ގޮތެއް ގަބޫލުކުރަން އެމީހުންނަށް ދަތިވެއެވެ. ނޫނީ އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

މި ހާލަތުގައި ސަލާމަތްވި މީހާއަށް މާޅޮހުގެ އުތުރުން އޮތް ބޮޑު ފަޅުގެ ހިމާޔަތް ހޯދައި އެފަޅުގެ ތިލަތަނަށްވެސް އެރޭނެ އެވެ. ރިސްކެއް ނަގައި، ބޮޑު ކަނޑުއޮޅިއެއް ހުރަސްކޮށް، ފެރިދޫއަށް ދިއުމަކީ ވަރުބަލިވެ ފުރާނަ ސަލާމަތްކުރާން އެދޭ މީހާ ކޮށްފާނެ ކަމެއްތޯވެސް ސުވާލު އުފެދެއެވެ. އަނެއްކާ އޭނާ ފެރިދޫއަށް ދިޔައީ އެތެރެވަރިންތޯ ނުވަތަ ބޭރުންތޯވެސް ސުވާލު އުފެދޭއިރު, ހިކިފަސްތަނަކަށް އެރުމާއެކު އޭނާ ގުޅަން ބޭނުންވީ ކާކަށްތޯ މިއީވެސް ސުވާލެކެވެ.

"ވަން" އިން ވާހަކަ ދެއްކި ގިނަ މީހުން ބުނަނީ އެ މީހުންނާ ޑުރަގާ ގުޅުމެއް އޮވެދާނެ ކަމެވެ. ހާއްސަކޮށް ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ އަބަދުވެސް އީރާނު ބޯޓްތަކުގައި ޑްރަގް އެތެރެކުރާ ދުވަސްވަރެއްކަން މީގެ ކުރިން އަތުލައިގަތް ކޭސްތަކަށް ބެލުމުން އެނގޭ ކަމަށް އެމީހުން ބުނެއެވެ. ބައެއް މީހުން ބުނިގޮތުގައި، މިހާ ކަނޑުގަދަ އިރެއްގައި ލޯންޗުފުރާ ތެޔޮބަރުކޮށްގެން އަތޮޅުން ބޭރު މާކަނޑަށް މިސްރާބު ޖަހާފައި އެވަނީ ބޮޑެތި އަދަދުތަކުން ޑުރަގް ޑީލްކުރާ މީހުންނާ ބައްދަލުކޮށް އެތަކެތި ރާއްޖެއަށް ވެއްދުމަށް ކަމަށް ވުންވެސް އެކަށީގެންވެއެވެ.

"ވަން"ގެ ޓީމުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި އެމީހުން އެ ދައްކާ ވާހަކަތައް ދިމާވުމުގެ ފުރުސަތުވެސް ކުޑައެއް ނޫނެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އީރާނުގެ ދެ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައިވެއެވެ. އޭގެ ތެރެއިން އެއް ފަހަރު، އީރާންގެ “އަލްޝަބާން” ކިޔާ ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން ވަނީ މަސައްކަތް ކޮށްފައެވެ.

ނަމަވެސް މި ތުހުމަތުތަކަށް ފުލުހުންވެސް އަދި އެމްއެންޑީއެފަކުންވެސް ޖަވާބެއް ނުދެއެވެ. މި ހާދިސާގައި ސަލާމަތްވެ ފެރިދޫއަށް އެރި މީހާވެސް ވެސް މާބޮޑު އެއްބާރުލުމެއް ނުދޭކަމަށް ބައެއް މަސްދަރުތައް ބުނެއެވެ. އެހެންކަމުން ކަމުގެ ހަގީގަތް އެނގުން އޮތީ ފުލުހުން ހާމަކުރާ މައުލޫމާތުންނެވެ. މިހާތަނަށް އެނގޭ ކަމަކީ، ލޯންޗު ފެނުނު ތަނާއި، އެމީހުން ދަތުރުކުރި ގޮތާއި، ސަލާމަތްވި މީހާ އެރި ރަށާއި، މި ފަދަ ކަންކަމަށް ބަލާއިރު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމެވެ.