މިހާރު ކުރިއަށްދާ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އަންނަ ބުރާސްފަތިދުވަހު ނެރޭގޮތަށް ކުރިން އޮތް ނަމަވެސް އެކަން ބަދަލުކޮށް، ދާއިމީ ނަތީޖާ ނެރެން ކަނޑައަޅާފައިވާ ތާރީހުގައި ނަތީޖާ ނެރޭގޮތަށް ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނީ، ހައެއް އޮކްޓޫބަރުގައި ބޯހިމެނުމުގެ ވަގުތީ ނަތީޖާ ނެރޭގޮތަށް ކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް އެއަށް ބަދަލު ގެނައީ ބޯހިމެނުން އިތުރަށް ފުރިހަމަކުރުމަށް ކަމަށެވެ. ދާއިމީ ނަތީޖާ ނެރެން ނިންމާފައި ވަނީ މިމަހު 20 ގައި ކަމަށާއި ތާވަލާ އެއްގޮތަށް ދާއިމީ ނަތީޖާ ނެރޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިމެނުން މިހާރު ނިންމާލާފައިވީނަމަވެސް މާލޭ ސަރަހައްދުގައި ނުވަދެވުނު 900 އެއްހާތަން އެބަހުރިކަމަށްވެސް ބިއުރޯއިން ބުނެފައިވެއެވެ. އެހެންކަމުން އެތަންތަނުން މީހުންނާ ގުޅޭނެ ގޮތް ފަހިވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

މިހާތަނަށް ބޯހިމެނިފައި ނުވާ ލޭބާ ކުއާޓާ އަދި ރަޖިސްޓްރީ ކޮށްގެން އިގްތިސޯދީ މަސައްކަތްތައް ހިންގާ ތަންތަނުން އެކަން އަންގައިދިނުމަށްވެސް ބިއުރޯއިން އެދިފައިވެއެވެ.

ބޯހިމެނިފައި ނުވާ މީހުންނާއި ތަންތަނުން އެ ބިއުރޯގެ ހޮޓްލައިން، 1423 ނުވަތަ 3008400 އަށް އަންގަވައި ދެއްވުން އެދޭ ކަމަށްވެސް ބުނެފައިވެއެވެ.