ގއ. ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ކޫއްޑޫގައި މަސައްކަތް ކުރަން އުޅެނިކޮށް 20 ވަރަކަށް ފޫޓު އުސްމިން ހުރި އިމާރާތަކުން މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނީ އިންޑިއާ މީހެކެވެ. އެމީހާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އެމީހާއަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ އިއްޔެ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ކޫއްޑޫ އިމާރާތަކުން ވެއްޓިގެން 41 އަހަރުގެ ބިދޭސީ ފިރިހެނަކު އެ ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ ކަމަށެވެ.

އޮފިސަރު ވިދާޅުވީ އެމީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި، އައިސީޔޫގައި ބާއްވައިގެން ކަމަށެވެ.

ހާދިސާ ހިނގި ދުވަހު ވިލިނގިލީ ހޮސްޕިޓަލުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އަނިޔާވި މީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައިވެސް އޭނާ އަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައި ކަމަށްވެސް ވިދާޅުވިއެވެ.