ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާގެ ފުން ވާހަކަތަކެއް ސިފަކޮށްދޭ ރަމްޒެކެވެ. އެ ބިނާ ފަރުމާކޮށްފައި ވަނީ ސުނާމީގެ އެތައް ހަނދާންތަކާއި ގުޅުވައިގެނެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ހެދި ސުނާމީ ބިނާއަކީ 84 ދަގަނޑު ރޮޑް ވަށްކޮށް އަތުރާލައިގެން ހަދާފައިވާ ބިނާއެކެވެ. އެންމެ ފުރަތަމަ އެ ބިނާ ހުރީ މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ. އެ ބިނާގެ ކޮންމެ ހޮޅިއެއް ނިސްބަތް ވަނީ ސުނާމީ ކާރިސާގައި ނިޔާވި ދިވެއްސަކަށެވެ. އެ ބިނާގެ އެކި ސައިޒުގެ ހޮޅި ބޭނުންކޮށްގެން ފަރުމާކޮށްފައި ވުމުން، އެކަމުން ދައްކުވައި ދެނީ އެ ހާދިސާގައި ދުނިޔެ ދޫކޮށް ދިޔައީ އެކި އުމުރުގެ މީހުން ކަމެވެ. އެ ބިނާ ވަށައިގެން އަތުރާފައިވާ އެލްމިނިއަމް 20 ބޯޅައިން ދައްކައިދެނީ ރާއްޖޭގެ ޖަޒީރާ ރަށްތައް އެކުލެވިގެންވާ އަތޮޅުތަކެއެވެ.

މި ފަހުގެ އަހަރުތަކުގައި، މަރާމާތުކޮށް ނުބެލެހެއްޓި ގޮސް އެ ތާރީހީ ބިނާގެ އުޖާލާކަން ގެއްލި ދަބަރަށް ވަނީ ވެފައެވެ. ލޮނުފެނުގެ އަސަރު ކުރާ ސަރަހައްދަކަށް ވުމުން މުޅި ބިނާގައި ވަނީ ދަބަރު ޖަހައިފަ އެވެ. އެސަރަހައްދުގެ ފަސްގަނޑު ގަނބައިގެން ގޮސް އެތަން ބަލައިލަން ދާ މީހުންނަށް ވަނީ ނުރައްކަލަކަށް ވެފައެވެ. ޒީނަތްތެރި ރީތި ސިފައެއް ގެނައުމަށް ރާނާފައިވާ ފާރުތައް ވަނީ ފުނޑިފައެވެ. އަޅާފައިވާ ގައުތައް ވަނީ ނައްޓައިގެން ގޮސްފައެވެ. ބާރު އޮޔާއެކު ޖަހާ ވަރުގަދަ ރާޅުތަކުގެ އަސަރުން މިތަނަށް ގުޑުން ގެނުވައެވެ. މި ގައުމީ ބިނާ ބިމެނޭ ސަރަހައްދުގެ ހުޅަނގު ބިތުގެ އެކި ހިސާބުތަކުގައި ހުރީ މާސިންގާ ބާގަނޑު ހެދިފައެވެ. އެތަންތަން ފެންނަނީ ބިރުވެރި ހޮހޮޅަތަކެއްގެ ސިފައިގައެވެ. އެއިން ބައެއް ހޮހޮޅަތަކަށް ކުއްޖަކު ވެއްޓިއްޖެ ނަމަ އެކުއްޖަކު ނެގުން ވެސް އެއީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މި ބިނާގެ އިރުމަތީ ފަރާތު ސަރަހައްދުން ތޮއްޓާ އިންވެގެން މުދުގައި ބޮޑެތި މުދާ އުފުލާ ދޯނިފަހަރު އަޅާފައިވެއެވެ. އެއްގަމުން ބިނާ ސަރަހައްދުން ބައެއްގައި އެ ދޯނިފަހަރުގެ ވާތައް ވެސް ހިފާފައިވެއެވެ.

މިއީ މިހާރުވެސް މާލެއަޔަށް އަންނަ ޓޫރިސްޓުން، ހާއްސަ ރަމްޒެއްގެ ގޮތުން ޒިޔާރަތްކޮށް ފޮޓޯ ނަގަން ބޭނުންވާ ތަނެކެވެ. ދަރިވަރުންނަށް ކިޔަވައިދޭ އިރު މުދައްރިސުން އެ ދަރިވަރުން ގޮވައިގެން ގޮސްއުޅޭ ގައުމީ މުހިންމު ތަރިކައެކެވެ.

އެކަމަކު އޮތީ ހިތާމައެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ މި ރަމްޒަށް އަޅައިލާނޭ މީހަކު ނެތެވެ. ފެންނަނީ މާޔުސީ މަންޒަރެކެވެ. ޒިންމާ ނަގާނެ މީހަކު ނެތީއެވެ. ގައުމީ ލޯބިވެސް ނެތީއެވެ!

ތިރީގައި އެވަނީ ވަން އޮންލައިންގެ ފޮޓޯ ޖާނަލިސްޓު ޔޫސުފް ސޮފްވާން ރަޝީދު މި ތަނުގެ ހާލަތު ބުނެދިނުމަށް މިއަދު ނަގާފައިވާ ބައެއް ފޮޓޯތަކެވެ.