މި މަހުގެ ކުރީކޮޅު ހުޅުލޭ ފަރަށް އެރި "އެމްވީ ޗެން ގްލޯރީ 9" ކޮންޓެއިނަރު ބޯޓު ތިން ލައްކައަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

"އެމްވީ ޗެން ގްލޯރީ 9" ހުޅުލޭ ފަރަށް އުރިފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ. އަދި ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ ބޯޓުގެ ވެރިފަރާތުން އައްޔަންކުރި ސާވެޔަރަކާ އެކު އެންވަޔަރަމަންޓްލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ މިމަހުގެ 10 ވަނަ ދުވަހު އެ ބޯޓު އުޅަނދު ފަރަށް އެރި ސަރަހައްދުގެ ޖޮއިންޓް ސާވޭއެއް ކޮށްފައެވެ.

ސާވޭއަށްފަހު އީޕީއޭއިން މިއަދު ބުނީ ފަރުގައި އެ ބޯޓު ޖެހިފައިވާތީވެ، ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން 365,000 ރުފިޔާ އިން ޖޫރިމަނާކުރަން ނިންމައި 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ އެ އެޖެންސީއިން އަންގާފައިވާ ގޮތަށް އެ ކުންފުނިން ވަނީ މި މަހުގެ 13 ގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އެ ފައިސާ ދައްކާފައިވާ ކަމަށެވެ.