ރާއްޖޭގައި ކަލިނަރީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަގު ވަޒަންކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފުކޮށްފިއެވެ.
ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބިލުގެ މުނާސަބަތާ ގުޅުވައި، ރާއްޖޭގެ ކަލިނަރީ އާޓްސްގެ ދާއިރާ އަދި ފަންނު ކުރިއެރުވުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ސީޖީއެމް ޝެފްސް އެވޯޑްސް"ގެ ނަމުގައި އެވޯޑެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
މި އެވޯޑު ދޭނީ މި އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޝެފުންގެ ކަލިނަރީ ހުނަރުވެރިކަމާއި ފަންނުވެރިކަން ބަދިގެތަކުގެ އިތުރުން މުޖުތަމައުގައި ވެސް ބޭނުންކޮށް، ކަލިނަރީ ދާއިރާއިން މުޖުތަމައުތަކަށް އެކި ގޮތްގޮތުން ހިދުމަތްކުރުމަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން އަބަދުވެސް ބާރުއަޅާ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ސީޖީއެމުން ބުނީ "ސީޖީއެމް ޝެފްސް އެވޯޑްސް" ގެ މަގުސަދަކީ މިފަދަ ޝެފުން ފާހަގަކޮށް، އެ ޝެފުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުން ކަމަށެވެ.
އަދި ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމުގެ މަސައްކަތްކޮށް، ބައިނަލްއަގުވާމީ މުބާރާތްތަކާއި ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރާނެ ގައުމީ ކަލިނަރީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރުން ކަމަށްވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައެވެ.
- އެގްޒެކެޓިވް ޝެފް
- ސޫ ޝެފް
- ކޮމްޕެޓިޝަން ޝެފް
- އެޑިއުކޭޝަން ޝެފް
- ޕޭސްޓްރީ އެންޑް ބޭކަރީ ޝެފް
- ޔަންގް ޝެފް
- ލޯންގް ސާވިސް ސްޕެޝަލް އެވޯޑު
"ސީޖީއެމް ޝެފްސް އެވޯޑްސް 2022" އަށް ކުރިމަތިލުމަށް ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ޝެފުންނަށް ސީޖީއެމުން ވަނީ ދައުވަތު ދީފައެވެ. އަދި ރާއްޖޭގެ އެކި ރިސޯޓުތަކާއި ރެސްޓޯރަންޓުތަކުން ވެސް، އެ ތަންތަނުގައި މަސައްކަތްކުރާ ހިދުމަތްތެރި އަދި ހުނަރުވެރި ޝެފުންނާއި ކަލިނަރީ ޕްރޮފެޝަނަލުން މި އެވޯޑަށް ނޮމިނޭޓުކުރުމަށް ބާރު އަޅާ ކަމަށްވެސް ބުންޏެވެ.
މި އެވޯޑުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން https://cutt.ly/CGM_ChefsAward މި ލިންކު މެދުވެރިކޮށް ނޮމިނޭޝަން ހުށަހެޅުމަށް ސީޖީއެމުން ވަނީ އެދިފައެވެ.
ސީޖީއެމް އަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އުފެއްދި އެންމެ ފުރަތަމަ، އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަންމެންޓް ޖަމިއްޔާއެވެ. މި މި ޖަމިއްޔާގެ މަގުސަދަކީ ދިވެހިރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ. ސީޖީއެމް ރަޖިސްޓްރީކުރީ 2 އޮކްޓޫބަރު 2014 ގައެވެ. އަދި މި ޖަމިއްޔާއަކީ ދުނިޔޭގެ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)އިން ދިވެހިރާއްޖޭގެ ގައުމީ ކަލިނަރީ ޖަމިއްޔާގެ ގޮތުގައި އެންޑޯޒްކުރާ ޖަމިއްޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު