"ވޯލްޑް ކްލީންއަޕް ޑޭ" ފާހަގަކުރުމަށް ލެޓްސް ޑޫއިޓް މޯލްޑިވްސް އާއި ހިންމަފުށީ ކައުންސިލް ގުޅިގެން މުޅި ހިންމަފުށި ސާފުކޮށްފިއެވެ.

ލެޓްސް ޑޫއިޓް މޯލްޑިވްސްއަކީ، ދުނިޔޭގެ ތިމާވެއްޓަށް މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާކަމުގައިވާ ލެޓްސް ޑޫއިޓް ވޯލްޑްގެ ރާއްޖޭގެ ގޮތްޕެވެ.

ލެޓްސް ޑޫއިޓް މޯލްޑިވްސްގެ ކަންޓްރީ ލީޑަރު ޔާމީން އާދަމް "ވަން" އަށް މިއަދު ވިދާޅުވީ، ހިންމަފުށި ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:30 ގެ ނިޔަލަށް ކަމަށެވެ. އަދި އެ ހަރަކާތުގައި ރަށުތެރެޔާއި އަތިރިމަތި ސާފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 3.5 ޓަނުގެ ކުނި އަޅުގަނޑުމެންނަށް ނެގުނު،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެ ހަރަކާތުގައި ހިންމަފުށީގެ 300 ވުރެ ގިނަ ރައްޔިތުން ބައިވެރިވި ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރުގެ ކްލީންއަޕް ޑޭ ފާހަގަކުރުމަށް އެކި ޖަމިއްޔާތަކުން ރާއްޖޭގެ 70 ހަރަކާތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަރަކާތްތަކުގައި 23،000 މީހުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.