މިއަހަރަށް ޣާޒީ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމްއިއްޔާ (ޕީޓީއޭ) އިފްތިތާހުކޮށްފިއެވެ.
މިކަމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޣާޒީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެޗްޑީސީގެ ޗީފް ރިސޯސް އޮފިސަރު މުހައްމަދު އިލްހާމެވެ.
މި ރަސްމިއްޔާތުގައި އިލްހާމް ދެއްކެވި ވާހަކާގައި، ސްކޫލްގެ ކުރިއެރުމަށް ބެލެނިވެރިންގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލްގެ ކަންކަމުގައި އެޗްޑީސީގެ އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި، ދެވެން އޮތް އެހީތެރިކަމެއް ދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިޔާތުގައި ސްކޫލްގެ ޕްރިންސިޕަލް އަދި ޕީޓީއޭގެ ރައީސް މަރިޔަމް މުހައްމަދު ދެއްކެވި ވާހަކާގައި، އެކި ކަންކަމުގައި، ބެލެނިވެރިންދެއްވާ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި، ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ސްކޫލްގެ ކަންކަން ކުރިއެރުވުމަށް އެކި ރޮނގު ރޮނގުން އިތުރަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޕީޓީއޭގެ އެކްސްކޯއަށް މިއަހަރު އިންތިހާބުވި މެމްބަރުންނަށާއި ނިމިދިޔަ ދައުރުގެ މެމްބަރުންނަށް ހަދާނީލިޔުން ދިނެވެ. އަދި ކްލާސްތަކުގެ މަންދޫބުންނަށް އެކަމުގެ ހަނދާނީ ލިޔުން ހަވާލުކުރުންވެސް އޮތެވެ.
ޕީޓީއޭގެ މިއަހަރުގެ ނައިބު ރައީސް މުހައްމަދު ހުސެއިން މަނިކު ދެއްކެވި ވާހަކާގައި، ސްކޫލްގެ ކުރިއެރުމަށް މިއަހަަރަށް ރާވާފައިވާ ބައެއް ކަންކަން ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ މިއަހަރު ޕީޓީގެ ހިންގުން ބޮޑަށް އަމާޒު ކުރާނީ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް ސްކޫލް ކުރިއެރުވުމަށް ކަމަށެވެ. އަދި އެކަމުގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ބެލެނިވެރިންނަށް ކަން ފާހަގަ ކުރައްވައި އެކަމުގައި ބެލެނިވެރިން އިސްނެގުމަށް އިލްތިމާސް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު