ބޯހިމެނުމުގެ މަސައްކަތަށް ލިބުނު އެނިއުމޭޓަރުންގެ އަދަދު މަދުވުމުގެ ސަބަބުން ބޯހިމެނުމުގެ މަސައްކަތް ނިންމާލުމަށް ކަނޑައަޅާފައިވާ މުއްދަތު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން އިތުރުކޮށްފިއެވެ.
އެމްބީއެސް އިން ބޯހިމެނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މަސައްކަތުގައި 4،000 އެނިއުމޭޓަރުން ބައިވެރިވާ އިރު، ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
އެމްބީއެސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބޯހިމެނުމުގެ މަސައްކަތް މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި ނިމިފައިވާ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ ބޯހިމެނުމުގައި ލިސްޓު ނުކުރެވި ހުރި ތަންތަނުން މައުލޫމާތުގެ ނެގުމުގެ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
"މިގޮތަށް ދިމާވީ މާލޭ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމޭޓަރުން ނުލިބުމުގެ ސަބަބުންނެވެ" އެމްބީއެސްއިން ބުންޏެވެ.
ބޯހިމެނުމުގެ މައުލޫމާތު އެއްކުރާ ޓީމުތަކުން ހަރަކާތްތެރިވާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަކުން ރޭގަނޑު 7:00 އަށް އަށެވެ. ހުކުރު ދުވަހު ޓީމުތައް ހަރަކާތްތެރިވާނީ ހެނދުނު 9:00 އިން 11:00 އަދި މެންދުރުފަހު 2:30 އިން ރޭގަނޑު 7:00 އަށެވެ. ނަމަވެސް ހާއްސަ ހާލަތްތަކުގައި އެ ގަޑިތަކުގެ އިތުރުންވެސް ޓީމުތަކުން ހަރަކާތްތެރިވާނެއެވެ.
އެމްބީއެސްއިން ބުނީ ބޯހިމެނުމުގެ ލިސްޓިން މަސައްކަތް ނިމުމުން ގެތަކަށާއި މަސައްކަތް ހިންގާ ތަންތަނުގެ ތަފުސީލު މައުލޫމާތު ނެގުމަށް ދެވަނަ ފަހަރަށް ދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު