ކޮންމެ ވޯލްޑްކަޕެއްވެސް ނިމިގެންދާއިރު ވޯލްޑްކަޕްގެ ޓްރޮފީޔާއެކު އެކި ފަރާތްތަކަށް ކިތަންމެ ކިތަންމެ އެވޯޑެއް ދެވެއެވެ. ރަންބޯޅަޔަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެވޯޑެވެ. ރަން ބޫޓަކީ މުބާރާތުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ދެވޭ އެވޯޑެވެ. ރަން އަންގިޔަކީ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ދެވޭ އެވޯޑެވެ. އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑަކީ އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު އެންމެ ފައިދާހުރި ކުޅުމެއް ދައްކާ ކުޅުންތެރިޔަކަށް ދެވޭ އެވޯޑެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ހޮވުމާއި އެންމެ ރީތި އެންމެ ބަލާހިތްވާ ކުޅުމެއް ކުޅުނު ޓީމު ހޮވުންވެސް އޮވެއެވެ. މި ލިޔުމުގައި ބަލައިލާން ގަސްތުކުރަނީ ވޯލްޑްކަޕުގެ ތާރީޚުގައި ފެނިގެން ގޮސްފައިވާ އެންމެ މޮޅު ގޯލްކީޕަރުންނަށެވެ.
މުބާރާތެއް ނިމިގެންދާއިރު މީހުން އަބަދުވެސް ވާހަކަ ދައްކަނީ ގޯލްޖެހި ކުޅުންތެރިންނާމެދުގައެވެ. ޗަރުކޭސީ ކުޅުން ކުޅުނު ކުޅުންތެރިންނާ މެދުގައެވެ. ގޯލްކީޕަރުންގެ މަތިން ހަނދާނެއްވެސް ނުހުރެއެވެ. އެކަމަކު ޓީމެއް މޮޅުވުމާއި އެޓީމެއްގެ ކާމިޔާބީތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްބަޔަކީ ގޯލްކީޕަރުންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރާއި 2014 ވަނަ އަހަރު ރަން ބޯޅަ ލިބުނީ ކޮންބަޔަކަށްހޭ އަހައިފިނަމަ ފަސޭހަކަމާއެކު އެންމެންވެސް ޖަވާބުދޭނެއެވެ. އެއީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗާއި އާޖެންޓީނާގެ ލިއޯ މެސީއެވެ. ރަން އަންގީގެ ސުވާލު އަތުވެއްޖެނަމަ ހަނދާނެއްވެސް ނުހުންނާނެއެވެ. އެކި ދުވަސްވަރު މި އެވޯޑުގެ ނަން ތަފާތެވެ. ކުރިން ލެވް ޔަޝިން އެވޯޑޭވެސް ކިޔައެވެ. ލެވް ޔަޝިންއަކީ ރަޝިޔާގައި އުފެދުނު ވަރަށްވެސް މޮޅު ގޯލްކީޕަރެކެވެ.
އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕާ ހަމައިންފެށިގެން އެންމެ މޮޅު ގޯލްކީޕަރު އަންނަނީ ހޮވަމުންނެވެ. އެކި ދުވަސްވަރު އެކި ނަންނަމުގައެވެ. މިހާރު މިކިޔާ ރަން އަންގީގެ ނަމަށް ބަދަލުވީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވުނު ވޯލްޑްކަޕާ ހަމައިންނެވެ. އެންމެ ފުރަތަމަ ވޯލްޑްކަޕުގައި 1930 ވަނަ އަހަރު މި އެވޯޑް ހޯދީ އުރުގުއޭގެ އެންރީކް ބަލެސްޓްރޭރޯއެވެ. އެއަހަރުން ފެށިގެން 1974 ވަނަ އަހަރުގެ ނިޔަލަށް ދިހަ ވޯލްޑްކަޕް ކުޅެވުނުއިރު 7 ފަހަރު އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ގެންދިޔައީ ޔޫރަޕުގެ އެކި ގައުމުތަކުގެ ގޯލްކީޕަރުންނެވެ. އެންރީކް ބަލެސްޓްރޭރޯގެ އިތުރަށް ދެން އެ މުއްދަތުގެ ތެރޭގައި މިއެވޯޑް ގެންދިޔަ ދެކުނު އެމެރިކާގެ ދެވަނަ ކީޕަރަކީ 1950 ވަނަ އަހަރު އުރުގުއޭގެ ރޯކާ މަސްޕޯލީއެވެ. ތިންވަނަ ކީޕަރަކީ 1970 ވަނަ އަހަރު އުރުގުއޭގެ ލަޑިސްލާއޯ މަޒުރެކެވިޒެވެ.
ދުނިޔެއަށް ގޯލްކީޕަރުންގެ ދައުރު ބޮޑަށް ފެނި އެމީހުންގެ ވާހަކަ ދައްކާންފެށީ 1978 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވި ވޯލްޑްކަޕާ ހަމައިން ކަމަށް ބެލެވެއެވެ. އޭގެ ކުރިން ގޯލްކީޕަރެއްގެ ވާހަކަ ދެއްކިޔަސް އިވެނީ 1966 ގެ ވޯލްޑްކަޕްގައި އިންގްލެންޑްގެ ގޯޑަން ބޭންކްސް ކުރި މާވަރުގަދަ ރިފްލެކްސް ސޭވެއްގެ ވާހަކައެވެ. އެފަހަރުގެ އެވޯޑް ލިބުނީވެސް ގޯޑަން ބޭންކަށެވެ. އާޖެންޓީނާގައި 1978 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ގޯލްކީޕަރު އުބާލްޑޯ ފިލޮލްއެވެ. ނަތީޖާއެއްގެ ގޮތުން އެފަހަރު އެއްވަނަ ގޯލްކީޕަރުގެ އެވޯޑް ލިބުނީވެސް އޭނާއަށެވެ. އޭގެފަހުން އާޖެންޓީނާގެ ކީޕަރަކަށް މި އެވޯޑް ލިބުނީ ސާޖިއޯ ގޮއިކޯޗިއާއަށް 1990 ވަނަ އަހަރުއެވެ. މާގިނަ ޕެނަލްޓީ މަތަކޮށްގެންނެވެ.
ގޯލްކީޕަރުންނަށް ފަހަކަށްއައިސް މިއެވޯޑް ލިބިފައިވާ ގޮތުގެ ތަރުތީބަށް ބެލީމާ ފެންނަނީ ފައިނަލްގައި ކުޅުނު ދެ ޓީމުގެ ތެރެއިން މީހަކަށް މި އެވޯޑް ދިނުމުގެ އާދައެވެ. ޚާއްސަކޮށް ކާމިޔާބު ހޯދާ ޓީމުގެ ކީޕަރަށް ދިނުމުގެ އާދައެވެ. އިޓަލީގެ ޑީނޯ ޒޮފަށް 1982 ވަނަ އަހަރު މި އެވޯޑް ލިބުނުއިރު ތަށިވެސް ހޯދީ އިޓަލީންނެވެ. ފްރާންސްގެ ފަބިއެން ބާތޭ 1998 ވަނަ އަހަރު މި އެވޯޑް ހޯދިއިރު ތަށިވެސް ގެންދިޔައީ ފްރާންސުންނެވެ. އިޓަލީގެ ޖިއާން ލުއިޖި ބުފޮން 2006 ވަނަ އަހަރު މި އެވޯޑް ގެންދިޔައިރު ތަށި ލިބުނީ އިޓަލީއަށެވެ. ސްޕޭނުގެ އިކަރ ކަސިޔަސް 2010 ވަނަ އަހަރު މި އެވޯޑް ހޯދިއިރު ތަށި ސްޕޭނަށެވެ. ހަމައެގޮތަށް 2014 ވަނަ އަހަރު ޖަރުމަނީގެ މެނުއަލް ނޯޔާއަށް އެވޯޑް ލިބުނުއިރު ތަށިވެސް ޖަރުމަނީއަށެވެ.
ފައިނަލްގައި ކުޅެފައި ތަށި ނުލިބި ރަން އަންގި އެވޯޑް ހޯދި އެންމެ ފަހުގެ ކީޕަރަކީ 2002 ވަނަ އަހަރު ޖަރުމަނީގެ އޮލިވަރ ކާނެވެ. އޭނާ ހޯދީ ހަމައެކަނި ރަން އަންގިއެއް ނޫނެވެ. ރަން ބޯޅަވެސް ހޯދިއެވެ. ވޯލްޑްކަޕެއްގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މިހާތަނަށް ހޯދާފައިވާ ހަމައެކަނި ކީޕަރަކީ އޮލިވަރ ކާނެވެ. ރަން އަންގީގެ ތާރީޚަށް ބަލާއިރު ނަން މަޝްހޫރު ބޮޑެތި ހުރިހާ ޓީމެއްގެ ކީޕަރުންނަށް މި އެވޯޑް ލިބިފައިވެއެވެ. އެކަމަކު ހައިރާންކުރަނިވި އެންމެ އިއްތިފާގެއް އެބައޮވެއެވެ. އެއީ ބްރެޒިލްއެވެ. ބްރެޒިލްގެ ގޯލްކީޕަރަކަށް އަދި ދުވަހަކުވެސް މި އެވޯޑް ނުލިބެއެވެ. ވޯލްޑްކަޕް ނުލިބޭ ގައުމުތަކުގެ ތެރެއިން ބެލްޖިއަމްގެ ތިން ކީޕަރަކު މިހާތަނަށް މި އެވޯޑް ވަނީ ހޯދައިފައެވެ. އެންމެފަހުން 2018 ވަނަ އަހަރު ބެލްޖިއަމްގެ ކޯޓުއާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު