ފުޓްބޯޅަ ކުޅުންތެރިޔަކަށް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށްވުރެ މުހިއްމު އެހެން މުބާރާތެއް ނުވެއެވެ. ވޯލްޑްކަޕުގައި ގައުމު ތަމްސީލު ކުރުމަށްވުރެ ބޮޑު އެހެން ޝަރަފެއް ނުވެއެވެ. ވޯލްޑްކަޕުގައި ކުޅުމަށްވުރެ ބޮޑު އެހެން ހުވަފެނެއްވެސް ނުވެއެވެ. އެކަމަކު މިއީ ކޮންމެ ކޮންމެ ކުޅުންތެރިޔަކަށް ހަގީގަތަކަށް ހަދަން ފަސޭހަ ހުވަފެނެއް ނޫނެވެ. ވަރަށް ޅަ އުމުރުގައި ބައެއް ކުޅުންތެރިން ވަނީ މި ހުވަފެން ހަގީގަތަކަށް ހަދައިފައެވެ. އާޖެންޓީނާގެ ލިއޯ މެސީއާއި ފްރާންސްގެ ކީލިއަން އެމްބާޕޭޔާއި ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒް ފަދަ ކުޅުންތެރިން އެންމެ ފުރަތަމަ ވިދާލީ ވޯލްޑްކަޕުގައެވެ. އެމީހުންގެ ވަރަށް ޅަ އުމުރުގައެވެ. ތިރީގައި މި ބަލައިލަނީ ވޯލްޑްކަޕުގެ ތާރީޚުގައި އެންމެ ޅަ އުމުރުގައި ލަނޑު ޖަހާފައިވާ ފަސް ކުޅުންތެރިންނަށެވެ.

ޕެލޭއަކީ މިޒަމާނުގެ ފުޓްބޯޅައިގެ އެންމެ ފުރަތަމަ ސުޕަރ ސްޓާރެވެ. ޕެލޭއަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ލިބިފައިވާ ގިނަގުނަ ރިކޯޑުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރިކޯޑަކީ 1958 ގެ ވޯލްޑްކަޕުގައި އޭނާ ގާއިމު ކުރި ރިކޯޑެވެ. އެ ވޯލްޑްކަޕުގައި އޭނާ އެންމެ ފުރަތަމަ ގޯލެއް ޖެހީ އުމުރުން 17 އަހަރާއި 239 ވަނަ ދުވަހުގައެވެ. ޕެލޭ މި ރިކޯޑު ހެދީ 19 ޖޫން 1958 ގައެވެ. ޕެލޭއަކީ ފުޓްބޯޅަ އައު އުސްމިނަކަށް ގެންގޮސްދިން ކުޅުންތެރިއެކެވެ. ބްރެޒިލްއަށް އެންމެ ފުރަތަމަ ތަށި ލިބުނީވެސް އެ އަހަރުއެވެ. އެއީ ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިޔަން ޒުވާނުން ނަމޫނާއަކަށް ބެލި ކުޅުންތެރިއެކެވެ. ޕެލޭގެ ކެރިއަރުގެ ބޮޑު ބައެއް އޭނާ ހޭދަކުރީ ބްރެޒިލްގެ ލީގުގައެވެ. އެކަމަކު ކެރިއަރު ނިންމައިލުމުގެ ގޮތުން އެމެރިކާގެ ލީގުގައި ދުވަސްކޮޅަކު ކުޅެފައިވެއެވެ.

މެނުއެލް ރޯޒާސްގެ ނަން ވޯލްޑްކަޕުގެ ރިކޯޑުތަކަށް އެރީ އެންމެ ފުރަތަމަ ވޯލްޑްކަޕުގައެވެ. އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގައެވެ. އެ މުބާރާތުގައި ރޯޒާސް އަކީ މެކްސިކޯއަށް ކުޅުނު ސެންޓްރަލް ޑިފެންޑަރެކެވެ. ޑިފެންސަށް ކުޅެމުން އޭނާ ވަނީ 19 ޖުލައި 1930 ގައި އާޖެންޓީނާ ކޮޅަށް ދެ ގޯލް ޖަހައިފައެވެ. ފަސޭހަ މެޗެއް ނޫނެވެ. ވަރަށް އުނދަގޫ މެޗެކެވެ. އެ މެޗުން މެކްސިކޯ ބަލިވީ ފަހެއް ތިނަކުންނެވެ. އޭރު ރޯޒާސްގެ އުމުރަކީ 18 އަހަރާއި 93 ދުވަހެވެ. އެ ދުވަހާއި އެ މެޗަށްފަހު ރޯޒާސް ހިމެނިގެން ދިޔައީ އެތައް މިލިޔަން ޒުވާނުން ހިތްވަރު ލިބިގަތް ބަތޮލަކަށެވެ. މެކްސިކޯއާއި ވޯލްޑްކަޕުގެ ލެޖެންޑަކަށެވެ. އެފަހުން މިހާރު 92 އަހަރު ފާއިތުވެގެން ދިޔައީއެވެ. އެހެންނަމަވެސް މެކްސިކޯގައި އޭނާގެ ހަނދާންތައް ތާޒާކަމާއެކު އަދިވެސް ދެމިއެބަހުއްޓެވެ.

މައިކަލް އޮވެން ވިދައިލީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ވޯލްޑްކަޕުގައެވެ. އެ ވޯލްޑްކަޕުގައި އޭނާ އެންމެ ފުރަތަމަ ލަނޑެއްޖެހިއިރު އުމުރަކީ 18 އަހަރާއި 191 ދުވަހެވެ. މައިކަލް އޮވެންއާމެދު އޭރު އުންމީދު ކުރެވުނީ އެއީ ދެވަނަ ޕެލޭ ކަމުގައެވެ. އޭރު އޭނާގެ ކުލަބަކީ އިންގްލެންޑުގެ ލިވަރޕޫލެވެ. ލިވަރޕޫލްގައިވެސް އޭނާގެ ކުޅުން މޮޅެވެ. އެކަމަކު 2004 ގައި ލިވަރޕޫލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވި ހިސާބުން މައިކަލް އޮވެންގެ ކެރިއަރު އަޅައިލީ އަޑިއަށެވެ. ލިވަރޕޫލްގައި ދެއްކި ކުޅުމެއްވެސް، ލަނޑު ޖެހުމުގެ ތޫނުފިލިކަމެއްވެސް ތަކުރާރެެއް ނުކުރެވުނެވެ. ލިވަރޕޫލްގައި ހުރެފައި އޭނާ ސޮއިކުރީ ސްޕޭނުގެ ރެއާލް މެޑްރިޑަށެވެ. އެއަށްފަހު އިންގްލެންޑުގެ ނިއުކާސަލްއާއި މެންޗެސްޓަރ ޔުނައިޓެޑް ދެން ސްޓޯކް ސިޓީއަށެވެ.

ނިކޮލަސް ކޮވަކްސްއަކީ ރުމޭނިޔާގެ ފުޓްބޯޅައިގެ ފުރަތަމަ ޖެނެރޭޝަނުގެ ލެޖެންޑެކެވެ. އޭނާ އެންމެ ފުރަތަމަ ވިދާލީ އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގައެވެ. އެ މުބާރާތުގައި އޭނާ ޕެރޫކޮޅަށް އެންމެ ފުރަތަމަ ގޯލެއް ޖެހިއިރު އުމުރަކީ 18 އަހަރާއި 198 ދުވަހެވެ. ނިކޮލަސް ކޮވަކްގެ ފުޓްބޯޅަ ކެރިއަރު ގާތްގަޑަކަށް 19 އަހަރަށް ދެމިގެންދިޔައިރު އޭނާގެ ކުލަބަށް 149 ގޯލް ޖަހާދީފައިވެއެވެ. ކޮވަކްސްގެ ނަން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އަދި އެހެން ރިކޯޑަކާ ގުޅުވައިގެންވެސް ލިޔެވެއެވެ. އެއީ ރުމޭނިޔާގެ އިތުރުން އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅުމެވެ. އޭނާ ވަނީ ހަންގޭރީގެ ގައުމީ ޓީމަށްވެސް 1941 ވަނަ އަހަރު އެއް މެޗު ކުޅެދީ އެއް ގޯލް ޖަހައިފައެވެ. ރުމޭނިޔާގެ ގައުމީ ޓީމަށް 37 މެޗުން 6 ގޯލް ޖަހާދީފައިވެއެވެ.

ދެކުނު ކޮރެޔާ އާއި ޖަޕާނުގައި 2002 ވަނަ އަހަރު ކުޅުނު ވޯލްޑްކަޕުގައި ބެލްޖިއަމް ކޮޅަށް ރަޝިޔާގެ ޑިމިޓްރީ ސައިޗެވް ލަނޑެއް ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރާއި 232 ދުވަހެވެ. ސައިޗެވް އަކީ އެޓޭކިން މިޑްފީލްޑަރެކެވެ. އޭނާ ކުޅުނީ ރަޝިޔާގެ ލީގުގައި ލޮކޮމޯޓިވް މޮސްކޯއަށެވެ. އެ ކުލަބަށް 224 މެޗު ކުޅެދީ 73 ގޯލް ޖަހާފައިވެއެވެ. ރަޝިޔާ އާއި ބެލްޖިއަމްގެ މެޗު ކުޅުނީ 14 ޖޫން 2002 ގައެވެ. އެ މެޗުން ރަޝިޔާ ބަލިވީ ތިނެއް ދޭކުންނެވެ. ސައިޗެވް ހިމެނުނީ އެ ވޯލްޑްކަޕުގައި ލަނޑު ޖެހި އެންމެ ޅަ ކުޅުންތެރިޔާ ކަމުގައެވެ. އަދި ވޯލްޑްކަޕުގެ މުޅި ތާރީޚުގައިވެސް ލަނޑުޖެހި އެންމެ ޒުވާން ފަސްވަނަ ކުޅުންތެރިޔާ ކަމުގައެވެ. ރަޝިޔާގެ ގައުމީ ޓީމަށް 47 މެޗުން އޭނާ ވަނީ 15 ގޯލް ޖަހައިދީފައެވެ. އޭނާ ފުޓްބޯޅައިން ރިޓަޔަރ ކުރީ 2019 ގައެވެ.