ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަންކޮށްފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކުންފުނީގެ ބޯޑު މެމްބަރަކަށް އައްޔަންކޮށްފައި ވަނީ ޅ. ހިންނަވަރު، ލަންދޫގެ، ހާލިދް ސުލެއިމާން ކަމަށެވެ.
ޕީސީބީން ސަރުކާރު ކުންފުނިތަކަޑް ބޯޑު މެމްބަރުން އައްޔަންކޮށް ވަކިކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިންނެވެ.
ހާލިދް ސުލެއިމާންގެ އިތުރުން އެޗްއެފްޑީސީގެ ބޯޑުގައި މިހާރު ތިއްބަވަނީ ނުވަ ބޭފުޅުންނެވެ. އެއީ ބޯޑުގެ ޗެއާމަން ކޮންރަޑް ޑި ޝޫޒާ، އަލްޓަނޭޓް ޑައިރެކްޓާ އާރިފު ސައީދު ޝީމާ، މެނޭޖިން ޑިރެކްޓާ ރަހީމާ ސަލީމް، ނޮމިނީ ޑައިރެކްޓާ އަމީނާ އަރީފު، ނޮމިނީ ޑައިރެކްޓާ، ކޯހޭ ނޫރް ބިންތް މަހުމޫދުލް ހަސަން، ނޮމިނީ ޑައިރެކްޓާ ހާމިދު ސޯދިގު، އިންޑިޕެންޑެންޓް ޑައިރެކްޓާ މުހައްމަދު އަހުމަދު، އިންޑިޕެންޑެންޓް ޑައިރެކްޓާ އައިޝަތު ޝިޒްނާ އަދި އަލްޓަނޭޓް ޑައިރެކްޓާ މުހައްމަދު ޒުހެއިރުއެވެ.
އެޗްޑީއެފްސީއަކީ 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރުއެވެ.
އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސެންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކާއި 15 ޕަސެންޓު ހިއްސާ އޮންނަ އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު