ޕްރޮގްރާމްތައް ހިންގުމަށް ހުއްދަ ދީފައިވާ ގޮތާ ހިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގަމުންދާތީ އެފަދަ މަރުކަޒުތަކާމެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ދީފިއެވެ.

އެމްކިޔުއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީން ހިންގުމުގެ ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް، މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން އަމަލު ކުރަމުންދާ ކަމަށް އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

އެގޮތުން އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައިނުވާ ޕްރޮގްރާމްތައް އެގޮތަށް ހިންގާ ކަމަށް އިޝްތިހާރު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ކަންކަމަކީ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު"އާ ހިލާފު އަމަލެއް ކަމަށްވެސް ބުންޏެވެ.

އެ އޮތޯރިޓީން ބުނީ، އެފަދަ އަމަލުތައް ފާހަގަވުމުން އެ މައްސަލަ ބަލައި ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް ހިންގާ ޕްރޮގްރާމްތައް އެމްކިޔުއޭއިން ބަލައި ނުގަންނާނެ ކަމަށްވެސް ބުންޏެވެ.