ރެހެންދި ސްކޫލުގެ އިވެންޓެއްގައި ޖިންސީ ކަންކަމަށް ހިތްވަރުދޭ އަދި މުޖުތަމައާ ނުގުޅޭ މެނޫއެއް ބަހައްޓާފައިވަނީ އެ ސްކޫލަށް އެނގިގެން ނޫން ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ރެހެންދި ސްކޫލުގެ ބެލެނިވެރިންގެ އެސޯސިއޭޝަން (ޕީޓީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި ސޭލް އިވެންޓްގައި ހުރި ސްޓޯލެއްގެ މެނޫއެއްގައި އިޖުތިމާއީ މިންގަނޑާ ހިލާފު ނަންތަކެއް ދީފައިވާ މޮކްޓެއިލް ބުއިންތަކެއް އިޝްތިހާރު ކުރުމަށް ހިމަނާފައިވެއެވެ.
އިޖުތިމާއީ މިންގަނޑުތަކާ ހިލާފް ނަންތަކެއް ހިމަނާފައިވާ މެނޫއެއް ރެހެންދި ސްކޫލްގެ އިވެންޓްގައި ބެހެއްޓި މައްސަލަ ސޯޝަލް މީޑިއާގައި އާންމުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެސްކޫލަށް އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ބެލެނިވެރިންނާއި ބައެއް އާއްމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރެހެންދި ސްކޫލުން މިއަދު ވަނީ މާފަށް އެދި ބަޔާނެއް ނެރެފައެވެ.
އެ ސްކޫލުން ބުނީ، ސޭލް އިވެންޓުގައި ބަހައްޓާފައިވާ އިސްތިހާރު ބޯޑުގައިވާ އިބާރާތްތަކަކީ ސްކޫލެއްގެ ތެރޭގައި ބެހެއްޓުން އެންމެ ރަނގަޅު އިބާރާތްތަކެއް ނޫންކަމަށް ދެކޭ ކަމަށެވެ.
"އެކަން ކުރި ބަޔަކު އެކަން ކޮށްފައި ވަނީ އިންޓަނޭޝަނަލް މެނޫއެއް ކަމަށްވާތީ މާބޮޑު ވިސްނާލުމެއް ނެތި ކަމުގައި ސްކޫލަށް ވަނީ މައުލޫމާތު ލިބިފަ," ރެހެންދި ސްކޫލުގެ ބަޔާނުގައިވެއެވެ.
ރެހެންދި ސްކޫލުން ބުނީ، އެ އިސްތިހާރު ބޯޑުގެ މައްސަލަ ފެންމަތިވުމާއެކު އެ ބޯޑު އެތަނުން ނަގަން އަންގާފައިވާ ކަމަށެވެ. އަދި އެ ބޯޑު ސްކޫލުގެ ގޯތި ތެރޭގައި ބަހައްޓާފައިވަނީ ސްކޫލަށް އެނގިގެން ނޫން ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްވެސް ރެހެންދި ސްކޫލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު