މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ (އެމްއެމްއޭ)ގައި ކިޔަވަމުންދާ ޕައިލެޓުންގެ އުދުހުމުގެ ތަމްރީނުތައް ފަށައިފިއެވެ.

އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭސް) އާއި ޗެކް ރިޕަބްލިކުގެ ފުލައިޓް ޓްރެއިނިން ސްކޫލެއް ކަމުގައިވާ ފްލައިން އެކަޑަމީއާ ގުޅިގެން އައްޑޫގައި ހިންގަމުން އަންނަ އެމްއޭއޭ، ގާއިމުކޮށް ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ސިވިލް އެވިއޭޝަން އޮތޯރިޓީން ހަދަންޖެހޭ އިންސްޕެކްޝަން ހަދައި ނިމި، ސްކޫލް ހިންގުމުގެ ހުއްދަ ދިނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އެ ހުއްދަ ލިބުމާ އެކު ފްލައިން ސްކޫލުގެ ދަރިވަރުންގެ އުދުުހުމުގެ ތަމްރީނުތަށް ރަސްމީކޮށް އިއްޔެ ވަނީ ފަށައިފައެވެ.

އައިއޭއެސް އިން ބުނީ އުދުހުމެގެ ތަމްރީނުތައް ފުރަތަމަ ފުރިހަމަކުރާނީ ސްރީ ލަންކާގެ އޭއޭއޭ ކުންފުނިން އައްޑޫގައި ހިންގި ފްލައިން ސްކޫލް ބަންދުކުރުމުން ކިޔެވުން ނުނިމި ތިބި 150 ދަރިވަރުންގެ ތެރެއިން ރީފްރެޝާ ތިއަރީ ކްލާސްތަކުގެ 150 ގަޑިއިރު ފުރިހަމަކުރި 35 ދަރިވަރުން ކަމަށެވެ. އެގޮތުން އިއްޔެ އެކަނި ހަ ދަރިވަރަކު ވަނީ އުދުހުމުގެ ގަޑިތައް ހަމަކުރަން ފަށައިފައެވެ. 

ރީފްރެޝާ ޕްރޮގުރާމް ނިންމި ފުރަތަމަ ބެޗުގެ އުދުހުންތައް ފަށާފައިވާއިރު، ދެވަނަ ބެޗުގެ ރީފްރެޝާ ޕްރޮގްރާމް މިހާރު ފަށާފައިވާ ކަމަށް އައިއޭއެސް އިން ބުނެއެވެ. ދެވަނަ ބެޗުގައި 39 ދަރިވަރަކު ހިމެނެއެވެ.

އައިއޭއެސް އިން ބުނީ، އުއްމީދަކީ މިއަހަރުގެ ނިމުމުގެ ކުރިން ފުރަތަމަ ބެޗާއި ދެ ވަނަ ބެޗުގެ ދަރިވަރުންގެ ފްލައިން ނިންމުން ކަމަށެވެ. އަދި ތިން ވަނަ ބެޗުގެ ދަރިވަރުންގެ ރިފްރެޝާ ޕްރޮގްރާމް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ބުންޏެވެ.