ނޭޝަނަލް އައިޑެންޓިޓީ ކާޑު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލު ކުރުމަށް ނިންމައި، އައިޑީ ކާޑް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ހުޅުވާލައިފިއެވެ.
ޑީއެންއާރްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހާރު ބޭނުންކުރާ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ، ޒަމާނީ ސެކިއުރިޓީ ފީޗާސްތަކާ އެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ކާޑު ފަރުމާކުރުމަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.
އައިޑީ ކާޑު ފަރުމާކުރާނެ މީހެއް ހޮވާނީ އެ މީހެއްގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށްފަހުގައި ކަމަށް ޑީއެންއާރްއިން ބުންޏެވެ.
ޑީއެންއާރްއިން ބުނީ އައިޑީ ކާޑު އެންމެ ފުރިހަމައަށް ފަރުމާކުރި މީހަކަށް 200,000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށާއި އަދި އައިޑީ ކާޑު ފަރުމާކުރުމަށް ޝޯޓްލިސްޓްވާ ތިން ފަރާތަށް އަގުވަޒަންކުރުމުގެ ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށެވެ.
އަދި ހުށަހަޅާފައިވާ އައިޑީ ކާޑުގެ ކުރެހުންތައް އާންމުކޮށް ހުޅުވާލައި މައުރަޒެއްގައި ދައްކައި، އެ ކުރެހުންތައް ރަސްމީކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ޑީއެންއާރުން ބުންޏެވެ.
ޑީއެންއާރްއިން ބުނީ، ޕްރޮޕޯސަލް ބަލައިގަތުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ 2:00 އަށް ކަމަށެވެ. އަދި އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އެންމެ ފުރިހަމައަށް ފަރުމާކުރި ފަރާތް ހޮވުން އޮންނަނީ އޮގަސްޓަ މަހުގައި ކަމަށެވެ.
މިހާރު ބޭނުން ކުރަމުންދާ އައިޑީކާޑު ހެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 1984 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު