އިސްލާމް އަދި އަރަބި ތަރުބިއްޔަތަށް އިސްކަންދީގެން އަރަބި ބަހުންނާއި އިގިރޭސި ބަހުން ކިޔަވައިދޭ ޕްރައިވެޓް ސްކޫލެއްގެ ބިންގާ ހުޅުމާލޭގައި މިއަދު އަޅައިފިއެވެ.

މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސިމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ކުވެއިތުގެ އަލް ޖެރީ ގްރޫޕުގެ އިސްވެރިއެކެވެ.

"އަޖިއާލް ބައިލިންގުއަލް ސްކޫލް"ގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރާ މި ސްކޫލަކީ ކުވެއިތުގެ އަލް ޖެރީ ގްރޫޕުން އިމާރާތްކުރާ ސްކޫލެކެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ކުވައިތުގެ އަލް ޖެރީ ގުރޫޕާއެކު މިފަދަ މަސައްކަތެއް ކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މިއީ ދަރިވަރުންގެ އުގެނުމުގެ ތަޖުރިބާއަށް ބާރުއަޅައި ފެންވަރު ރަނގަޅު އަދި ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފައިސަލް ނަސީމް ވިދާޅުވީ މިއަދު ފެށި ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތު ހާމަވާ އެއް ކަންތައް ކަމަށެވެ. އަދި މި ސްކޫލަކީ ހުޅުމާލޭގައި އިތުރުވަމުން އަންނަ ދަރިވަރުންގެ އާބާދީއާ އެކީ، ތައުލީމީ ދާއިރާއަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ފެށި ޕްރޮޖެކްޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ޒަމާނީ އަދި އީޖާދީ ކިޔެވުން ލިބޭ އަމިއްލަ ސްކޫލްތަކުގައި ކުދިން އެންރޯލް ކުރުމުގެ އިހުތިޔާރު ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. އަދި މި ސްކޫލުން ނާސަރީން ފެށިގެން 12 ވަނަ ގުރޭޑާ ހަމަޔަށް އަރަބި ބަހުންނާއި އިނގިރޭސި ބަހުން ކިޔަވައިދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އަލް ޖެރީ ގުރޫޕުގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އީސާ އަލްސާދީ ވިދާޅުވީ ރާއްޖޭގައި ސްކޫލެއް އިމާރާތްކުރުމަށް ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމަށް އެހީތެރިވެދިން ކަމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ޝުކުރު ދަންނަވާ ކަމަށެވެ.

ޑރ. އީސާ ވިދާޅުވީ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ފުރުސަތު ހުޅުވާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފި ނަމަ އަންނަ އަހަރުގެ އޮގަސްޓު މަހު ސްކޫލުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި (އާރްސީސީ) އާއެވެ.