ބ. ހިތާދޫގައި ބުޅާ ގިނަވެ، އާންމުންނަށް އުނދަގޫވާތީ، އެތަކެތި ނައްތާލާނެ ކަމުގެ އިންޒާރު އެރަށު ކައުންސިލުން ދީފިއެވެ.
ހިތާދޫ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބުޅާތަކުގެ އުދަގޫ ފޯރަމުންދާތީ އެކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ. ޕެޓްގެ ގޮތުގައި ގެންގުޅޭ ދިރޭ ތަކެތި ބަންދު ކޮށްގެން ގެންގުޅުމަށް މީގެ ކުރިންވެސް އަންގާފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ހިތާދޫ ކައުންސިލްގެ އިއުލާނުގައިވާ ގޮތުން މިމަހުގެ 26ގެ ފަހުން ރަށުތެރޭގައި އުޅޭ ބުޅާތައް ކައުންސިލުން ނައްތާލާނެއެވެ. އަދި އުނދަގޫވާ ފަރާތްތަކުން އެތަކެތި ނައްތާލިކަމުގައި ވިޔަސް އެކަމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ކަމަށެވެ.
އެރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު މިރޭ "ވަން" އަށް ވިދާޅުވީ ބުޅާތައް ނައްތާލާނެ ވަކި ގޮތެއް އަދި ކައުންސިލުން ނިންމާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ބަންދުކޮށްގެން ބުޅާ ގެންގުޅުނަސް މައްސަލައެއް ނެތް ކަމަށާއި މަގުސަދަކީ ބުޅާތައް މަރާލުން ނޫން ކަމަށެވެ.
"މިމަހުގެ 26 ވަނަ ދުބަހުގެ ނިޔަލަށް އޮތީ މުއްދަތު ދީފައި. އެއިރަށް ބަންދު ކޮށްގެން ނުގެން ގުޅޭ ރަށުތެރެއަށް ވީއްލިފައިވާ ބުޅާތައް ނައްތާލާ ވާހަކަ އެއޮތީ،" އަޒީޒު ވިދާޅުވިއެވެ.
އަޒީޒު ވިދާޅުވީ، އެރަށުގައި ބުޅާ ވަރަށް ގިނަ ކަމަށާއި ބުޅާ ދެކެ ބިރުން އުޅޭ މީހުން ބައެއް ފަހަރު އެތައް އިރެއް ވަންދެން ބޭރަށް ނުނިކުމެވި، ގޭ ދޮރު މަތީގައި ތިބެން ޖެހޭ ކަމަށެވެ. އަދި އެތަކެތީގެ ސަބަބުން އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު