އިންފޮމޭޝަން ކޮމިޝަނުން އޮންލައިން ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދެވެ.
"މަހޯލި" ނަމުގައި އިފްތިތާހުކުރި އެ ޕޯޓަލްގެ ބޭނުމަކީ އޮންލައިންކޮށް މައްސަލަތައް އެ ކޮމިޝަނަށް ހުށަހެޅޭނެ ގޮތް ހެދުމާއި ދައުލަތުގެ އިދާރާތަކުން ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމެވެ.
މީގެ ކުރިން މައުލޫމާތު ހޯދުމަށް ޖެހެނީ ފޯމެއް ހުށަހަޅާށެވެ.
"މަހޯލި" ޕޯޓަލް އިފްތިތާހުކޮށްދެއްވައި ކޮމިޝަނަރު އާހިދު ވިދާޅުވީ، އެ ކޮމިޝަނަށް ވަރަށް ގިނަ މައްސަލަތައް ލިބިފައިވާ ކަމަށާއި ކޮމިޝަނުގެ ބޭނުމަކީ ރައްޔިތުންނާއި ހާއްސަކޮށް ނޫސްވެރިންނަށް އެއްވެސް ތަކުލީފެއް ނެތި މައުލޫމާތު ލިބޭނެ ގޮތް ހެދުން ކަމަށެވެ.
"މި ޕޯޓަލް އަޅުގަނޑުމެން ފަރުމާކޮށްފައިވާނީ ބޭނުންވާ މައުލޫމާތު ހޯދަން އެދެވޭ ގޮތަށާއި އެ މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދެވޭ ގޮތަށް." އާހިދު ވިދާޅުވިއެވެ.
"މަހޯލި" ޕޯޓަލްގައި މިހާރުވެސް ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭހެން 50 އަށްވުރެ ގިނަ އިދާރާ ހިމެެނެއެވެ. އިންފޮމޭޝަން ކޮމިޝަންގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެ ޕޯޓަލްގެ ތެރެޔަށް ވެއްދުމެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަން އުފެއްދީ 2014 ވަނަ އަހަރުއެވެ. އޭގެ ކުރިން 2007 ވަނަ އަހަރުގެ މޭ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ގަވައިދެއް ގޮތުގައި އެ މަސައްކަތް އައީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު