ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ތިންވަނަ ރައީސްގެ މަގާމަށް އަބޫދާބީގެ ވަލީ އަހުދު ޝައިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން މިއަދު އައްޔަންކޮށްފިއެވެ.
ޝައިހް މުހައްމަދު ބިން ޒައިދު، ޔޫއޭއީގެ ރައީސްގެ މަގާމަށް އައްޔަންކުރީ ކުރީގެ ރައީސް އަދި ޝައިހް މުހައްމަދުގެ އެއްބަފާ ބޭބެ، ހަލީފާ ބިން ޒައިދު އަލް ނަހުޔާން އަވަހާރަވުމާ ގުޅިގެންނެވެ. ޝައިހް މުހައްމަދު ރައީސަށް އިންތިހާބު ކުރީ ޔޫއޭއީގެ ފެޑެރަލް ސުޕްރީމް ކައުންސިލުންނެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް ހަލީފާ އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 73 އަހަރެވެ.
އިއްޔެ އަވަހާރަވި ރައީސް ހަލީފާ ބިން ޒައިދު އަލް ނަހުޔާން އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ޔޫއޭއީ ވަގުތީ ގޮތުން ހިންގަވަމުން އައީވެސް ޝައިހް މުހައްމަދެވެ.
ޔޫއޭއީގެ ދައުލަތުގެ މީޑިއާ, ޑަބްލިޔުއޭއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝައިހް މުހައްމަދު ރައީސް ކަމަށް އިންތިހާބު ކުރީ ފެޑެރަލް ސުޕްރީމް ކައުންސިލުގައި ހިމެނޭ ޔޫއޭއީގެ ހަތް އެމިރޭޓުގެ ވެރިންގެ އިއްތިފާގުންނެވެ.
އުމުރުފުޅުން މިހާރު 61 އަހަރު ވެފައިވާ ޝައިހް މުހައްމަދަކީ އިނގިރޭސި ރޯޔަލް މިލިޓަރީ އެކަޑަމީއަކުން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ދުނިޔޭގައި ނަން ހިނގާ ވަރުގަދަ ލީޑަރެކެވެ. އަދި އެ މަނިކުފާނު އަމުރު މައުރޫފު ހިންގަވާ އަސްކަރިއްޔާއަކީ މުޅި މެދުއިރުމަތީގައި ވެސް އެންމެ ޒަމާނީ ހަތިޔާރުން މުއްސަނދި އަސްކަރިއްޔާއެވެ.
ޝައިހް ހަލީފާގެ ކޮއްކޯފުޅު, ޝައިހު މުހައްމަދު ބިން ރާޝިދް އަލް މަހްތޫމް ވަނީ މީގެ ކުރިން 2014 ގައި ޝެއިހް ހަލީފާއަށް ސްޓްރޯކެއް ޖެހިވަޑައިގެންނެވުމުން ވެސް ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރައްވައިފައެވެ.
ޝައިހް ހަލީފާ ރައީސްކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަދި ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަވަހާރަވުމުންނެވެ. ޝައިހް ހަލީފާ ވަނީ 2004 ވަނަ އަހަރުން ފެށިގެން ޔޫއޭއީގެ ރައީސްކަމުގެ މަގާމު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު