ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފިއެވެ.

ކާށިދޫގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި ތަރައްގީ ކުރުވުނު މި ބާބިކިއު ސަރަހައްދުގައި ބާބައިކު ގްރިލް، ގޮނޑި އަދި މޭޒާއި ބެންޗު ވަނީ ބަހައްޓާފައެވެ. މި ސަރަހައްދު އިތުރަށް ފުރިހަމަ ކުރުމަށް ރަށުގެ އިސްރަށްވެހިންނަށް ހާއްސަކޮށް ފިނި މައިޒާނެއްވެސް ވަނީ ތަރައްގީކޮށްފައެވެ.

މި ޕްރޮޕޯސަލް ކާމިޔާބު ކުރި މުހައްމަދު ވިސާހު ވިދާޅުވީ ކާށިދޫގެ ރައްޔިތުންނާއި އެރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މި ތަނަކީ ބޭނުންތެރި ތަނަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭނާވަނީ މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމަށް އެހީތެރިވެދެއްވި ކާށިދޫ ކްލަބް ފްލަޔާސް އާއި އެހެނިހެން ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. ބީއެމްއެލް އިން މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ.