މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 5،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގައި މިއަދު ފަށައިފިއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކުރިއަަށްދާ އެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުން މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 5،393 ދަރިވަރުން ބައިވެރިވާނެއެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުންވެސް އޯލެވެލް އިމްތިހާނުގައި ބައިވެރިވާނެއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.

ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ އޯގަސްޓް ދިހަވަނަ ދުވަހުއެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިއަހަރުގެ ޖޫން މަހުއެވެ.