ވ. ހުޅިދޫއާއި ވ. އަންބަރާ ވ. އަތޮޅު ކައުންސިލަށް ނެގުމަށް ގަރާރެއް ފާސްކޮށްފިއެވެ.

ވ. އަތޮޅު ކައުންސިލް މެންބަރުންގެ ތާއީދާއެކު އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައިވަނީ، ދަނޑުވެރިކަން ކުރުމަށާއި ރިސޯޓު ތަރައްގީކުރުމަށް އެ ދެރަށް ދޫކުރި ނަމަވެސް މިއަދާ ހަމައަށް އެއްވެސް މަސައްކަތެއް އެ ދެރަށުގައި ކޮށްފައިނުވާ ކަމަށެވެ.

އެ ދެރަށް ތަރައްގީކުރުމަށް އެގްރިމެންޓު ކުރި ފަރާތްތަކުން އެގްރިމެންޓާ ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓު ކުރެވުނު މުއްދަތު ހަމަވެފައިވާ ކަމަށެވެ. އަދި އެތަށް ފަހަރެއްގެ މަތިން އިތުރު ފުރުސަތުތަކެއްވެސް ސަރުކާރުގެ ވުޒާރާތަކަށް ދިން ކަމަށްވެސް ބުނެފައިވާ ކަމަށެވެ.

ނަމަވެސް އެ ރަށްރަށުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ އެދެވޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި ދެ ރަށުގެ އެއްބަސްވުމާ އެއްގޮތަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރުމަށް އަމަލުކުރަންޖެހޭ ތިމާވެށީގެ އެއްވެސް މިންގަނޑަކަށް ނުބަލާ ރަށުގެ ގުދިރަތީ ސިފަތައް ގެއްލުވާލައި،

ތިމާވެށިގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ވ. އަތޮޅު ކައުންސިލުން ވަނީ އެގްރިމެންޓުގެ މުއްދަތު ހަމަވެ އިތުރަށް ދިން ފުރުސަތުތަކުގެ މުއްދަތުވެސް ހަމަވެފައިވާކަން ކަމާގުޅޭ އިދާރާތަކުން އަންގާފައިވާތީ އެ އެގްރިމެންޓުތަކަކީ އަމަލު ނުކުރެވޭނެ އެގްރިމެންޓުތަކެއް ގޮތުގައި ނިންމުމަށެވެ.

ސަރުކާރުން "އާރަށް ޕްރައިވެޓް ލިމިޓެޑް" އަށް ހުޅިދޫ ދޫކޮށްފައިވަނީ ދަނޑުވެރިކަން ކުރުމަށް 2017 ވަނަ އަހަރުއެވެ. އަދި އަންބަރާ ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްގީކުރުމަށް 2004 ވަނަ އަހަރު ސަރުކާރުން ދޫކުރިއެވެ. ނަމަވެސް އެ އެގްރިމެންޓު 2016 ވަނަ އަހަރު ބާތިލުކޮށް އެ ރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން "ހަނދުވަރު އޯޝަން ޕްރިވެޓް ލިމިޓެޑް"އާ ހަވާލުކުރިއެވެ.