މިފްކޯއަށް އަލަށް ގެނައި "ޖަޒީރާ ރީފާ" ބޯޓުން މަސް އެކްސްޕޯޓް ކުރަން ފަށައިފިއެވެ.

ޖަޒީރާ ރީފާއަކީ ތައިލެންޑްގެ ކުންފުންޏަކުން އޮޕަރޭޓްކުރަމުން ދިޔަ، ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ ބޯޓެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައި ގެނައި އެ ބޯޓުގައި 2500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ.

އީޔޫ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެ ބޯޓު ބޭނުން ކުރަނީ މަސް އެކްސްޕޯޓް ކުރުމަށާއި ސްޓޯރޭޖްކުރާ ބޯޓެއްގެ ގޮތުގައެވެ.

މިފްކޯއިން މިއަދު ބުނީ ޖަޒީރާ ރީފާއިން މަސް އެކްސްޕޯޓުކުރުމަށް ކުރާ ފުރަތަމަ ދަތުރުގައި ތައިލެންޑަށް ދިއުމަށް އިއްޔެ ދަތުރު ފަށާފައިވާ ކަމަށެވެ. އަދި އެ ކުންފުނީގެ އަމިއްލަ ބޯޓެއްގައި މަސް އެކްސްޕޯޓް ކުރަން އަލުން ފެށުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބުންޏެވެ.

އެ ކުންފުނިން ބުނީ، އެ ބޯޓަކީ މަސްގަތުމުގެ އޮޕަރޭޝަން ތަރައްގީ ކުރުމަށް ކުރެވިފައިވާ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިފްކޯގެ އަބަދުވެސް އެންމެ ބޮޑު އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.

މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައި އިރު، މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް އެކުންފުނިން ވަނީ ގަނެފައެވެ. އަދި މަސް އެކްޕޯޓުކުރުމަށް ބޭރުން ޗާޓާރު ކޮށްގެން ހަތް ރީފާ ވެސެލް ގެނެސްފައިވެއެވެ.

ނަމަވެސް "ޖަޒީރާ ރީފާ"ގެ ދަތުރާއެކު މިފްކޯއިން މަސް އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތައް އަވަސްވެ ހަރަދުވެސް ކުޑަކުރެވޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފައްޓައިފައެވެ.

އެގޮތުން މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.