ރާއްޖޭގައި އުޅޭ ވެލާ/ކަހަނބުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން އެންވަޔަރަމަންޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި މުބާރާތަކީ އަންނަ ޖޫން މަހުގެ 16 ގައި ފާހަގަކުރާ ބައިނަލްއަގުވާމީ ވެލާ ދުވަސް ފާހަގަކުރަން ބާއްވާ މުބާރާތެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މާހައުލީ ނިޒާމުން ފެންނަ އެކި ވައްތަރުގެ ވެލާ/ކަހަނބާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވައި ވެލާ/ ކަހަނބު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެތަކެއްޗަށް ދިމާވާ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ފޮޓޯގެ ޒަރީއާއިން ވެލާ/ ކަހަނބުގެ ހާލަތު ބަޔާންކޮށް ދިނުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 26 ވަނަ ދުވަހެވެ.

މިނިސްޓްރީން ބުނީ، މުބާރާތަށް ހުށަހަޅާ ފޮޓޯތައް ހުންނަން ވާނީ މައިގަނޑު ތިން ދާއިރާއެއް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. އެއީ ވެލާ/ކަހަނބު، އެ ތަކެތީގެ މާހައުލުގައި އުޅޭ މަންޒަރާއި ވެލާ/ކަހަނބަށް ދިމާވާ ނުރައްކާތައް ފެންނަ ގޮތުގެ އިތުރުން ރާއްޖޭން ފެންނަ އެކި ބާވަތްތަކުގެ ވެލާ/ކަހަނބު ފެންނަ ގޮތަށެވެ.

މި މުބާރާތުގެ އެއްވަނަ އަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު ދެވަނަ އަށް 6،000 ރުފިޔާ އަދި ތިންވަނަ އަށް 3،000 ރުފިޔާ ހުށަހަޅާފައިވެއެވެ.