ރޯދަވެރިޔާ ތަގުވާވެރިވުމަކީ ﷲ ސުބުހާނަހޫ ވަތައާލާ ރޯދަ ފަރުޟު ކުރެއްވި ހިކުމަތް ކަމަށް ބަޔާންކުރައްވާފައިވެއެވެ.
ތަގުވާގެ މާނައަކީ ﷲ އަމުރު ކުރެއްވި ކަންކަން ކުރުން އަދި ﷲ ނަހީ ކުރެއްވި އެއްމެހާ ކަންތައްތަކާ ދުރުހެލިވުމެވެ. އަދި މުސީބާތްތަކަށް ކެތްތެރިވުމެވެ. އެހެންވީމާ ތަގުވާވެރިއަކަށް ވެވޭނީ، މި ތިން ރުކުން ހަމަވެގެންނެވެ.
ރޯދައިގެ މަދުރަސާއިން ވަަރަށް ގިނަ ފިލާވަޅުތައް އެބަ ދަސްކޮށްދެއެވެ.
ރޯދައަކީ، ރޯދައަށް ހުންނަ އިރު، ﷲ ސުބުހާނަހޫ ވަތައާލާ މަތިން ހަނދުމަވާނެ ފަދަ މުހިންމު އަޅުކަމެކެވެ. އަދި ރޯދައަކީ ވަރަށް އިހުލާސްތެރިކަން އެކުލެވޭ އަޅުކަމެކެވެ. އެމީހަކު ރޯދައަށް ހުންނަ އިރު، އެއީ މާތް ﷲއާ އެ އަޅަކާ ދެމެދު އޮންނަ ކަމެކެވެ.
ރޯދައަށް ހުންނަ އިރު، މީހަކަށް ނުފެންނަ ތަނަކަށް ގޮސް އެއްޗެހި ކައިބޮއި ހެދުމުގެ ފުރުސަތުވެސް އެމީހަކަށް އޮވެއެވެ. އެހެން ނަމަވެސް ވަަރަށް އިހުލާސްތެރިކަމާއެކު ކެއިން ބުއިމާއި ދުރުހެލިވެ އަދި އެންމެހާ އެދުން ތަކާ ދުރުހެލިވެ، ރޯދައަށް ހުންނަނީ ރޯދައިގެ ނިޔަތާއެކުގައެވެ.
އެހެންކަމުން ރޯދައިގެ މަދަރުސާއިން ވަރަށް ބޮޑަށް ދަސްކޮށްދޭ އެއް ކަމަކީ ތަގުވާވެރިކަމެވެ. އެހެންކަމުން ރޯދަ މަހަކީ ތަގުވާވެރިކަން އިތުރުކޮށް، އީމާންތެރިކަން ހަރުދަނާކުރުމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުސަތެކެވެ.
ވީމަ އުއްމީދުކުރަނީ، ތި ހުރިހާ ބޭފުޅުންވެސް ރޯދަ ހިފާއިރު ތަގުވާވެރިކަން، އޭގެ އެންމެ މަތީ ދަރަޖައަކަށް ގެންދިއުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ދޫ ރައްކާތެރިކުރުމާއި ހުރިހާ ގުނަވަންތައް ރައްކާތެރިކޮށް ﷲ ނަހީކުރެއްވި އެންމެހާ ކަންތައްތަކާ ދުރުހެލިވެ ﷲގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމަައަށް ވަރުގަދަ އަޒުމާއެކު ކުރިއަށް ދާނެ ކަަމަށެވެ.
ދުއާއަކީ އަޅުގަނޑުމެން އެންމެންނަށް މި ރަމަޟާން މަހު، އީމާންތެރިކަން އިތުރަށް ހަރުދަނާވެ، ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ލިބޭ ފަދަ އަމަލުތައް އިތުރަށް ކުރާ ބައެއްގެ ގޮތުގައި ﷲ މިންވަރު ކުރެއްވުމެވެ.
މެސެޖު ދެއްވީ: ޑރ. އަނާރާ ނައީމް / އިލްމު އިންސްޓިޓިއުޓް
- "ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 06:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު