އެހެން މީހުންނާ ދޭތެރޭގައި ހަސަދަވެރިވުމަކީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ޖަޒުބާތެކެވެ.

ނަމަވެސް އެކަމަކީ، އަޅުގަނޑުމެން އެކަމަކުން ވަރަށް ބޮޑަށް ރައްކާތެރިވާންޖެހޭ ކަމެކެވެ.

އެގޮތުން އަލިފާން ދަރު އަންދާލާ ފަދައިން، މީހާގެ ހެޔޮ އަމަލުތައް ހަސަދައިގެ ސަބަބުން އަނދައިގެންދާ ކަމަށް، ކީރިތި ނަބިއްޔާ ސައްލަﷲ އަަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްގައި ބަޔާން ކުރައްވާފައިވެއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ހިތުގައި މީހެއްގެ މައްޗަށް ހަސަދަވެރިކަން އުފެދިއްޖެނަމަ، ނުވަތަ ހަސަދައިގެ ހުޅުކޮޅެއް އަޅުގަނޑުމެންގެ ހިތުގައި ރޯވެއްޖެކަމަށް ވަނީނަމަ ވަގުތުން އެއަށް ފެންއަޅައި އެ ނިއްވާލެވޭތޯ ބަލަން އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެއެވެ.

މެސެޖު ދެއްވީ: އައްޝެއިޚު ޝުޢައިބު ނާޒިމް / އިލްމު އިންސްޓިޓިއުޓް

  • "ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 06:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.