ރާއްޖޭގެ މަސްވެރިން ބާނާ މަސްގަތުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް ވަގުތީގޮތުން ބޭރުގެ ބޯޓެއް ގެނައުމުގެ މަސައްކަތް މިފްކޯއިން ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިފްކޯގެ ކޫއްޑޫ ބަނދަރަށް ޒިޔާރަތްކުރައްވާ މަސްވެރިން ބާނާ މަސް ގަތުމުގެ ކަންކަން ކުރިއަށްދާ ގޮތް އަމިއްލަފުޅަށް ބެއްލެވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނީ މަސް ފުރީޒްކުރާ ކެޕޭސިޓީ މިހާރު ހުރި ވަރަށްވުރެ އިތުރަށް ދެކުނުގައި ގާއިމުކޮށްގެން ކަމަށެވެ. އަދި އެކަމަށްޓަކައި ވަގުތީގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސްގަނެ ފުރީޒްކުރާ ބޮޑު އުޅަނދެއް ފެލިވަރުން ކޫއްޑޫއަށް މިހާރުވެސް ވަނީ ގެންގޮސްފައެވެ. އަދި މަސްގަނެ ފިނިކޮށް ސްޓޯ ކުރެވޭވަރު އިތުރު ކުރުމަށް މަސް ގަންނަ ބާޖެއްވެސް މާންދޫގައި އަންނަނީ ބޭނުން ކުރަމުންނެވެ.

  • މާންދޫ ފެކްޓަރީ (120 ޓަނު)
  • ކޫއްޑޫ ފެކްޓަރީ (240 ޓަނު)
  • ޖަޒީރާ 102، ބޯޓު (120 ޓަނު)
  • މަހާކަލަމިންޖާ، ބޯޓު (75 ޓަނު)
  • ހުޅުމީދޫ ފެކްޓަރީ (60 ޓަނު)

މިނިސްޓަރު ވިދާޅުވީ މި ރޯދަމަސް ފެށުނީއްސުރެ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާ ކަމަށާއި މަސްކިރާ ތަންތަނުގައި މަސް ގަނޑުކުރެވޭ ކެޕޭސިޓީ ހުރި ވަރަކުން ގަނެވޭ އެންމެ ގިނަ އަދަދަކަށް މިހާރު ވެސް މަސް ގަންނަމުން އަންނަ ކަމަށެވެ.

ނަމަވެސް މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު 24 ގަޑިއިރުގެ ތެރޭ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަށްވުރެ ބޮޑުތަނުން އިތުރު ވަމުންދާ ކަމަށާއި އަދި ކޮންމެ ދޯންޏަކުން މަސްކިރާ ފަހަރަކު މަސް ގަންނަ މިންވަރު ލިމިޓު ކުރަންޖެހިފައިވާތީ މަސްނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާކަމުގެ ޝަކުވާ މަސްވެރިން ކުރަންޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާންދޫ އާއި ކޫއްޑޫ އަދި ހުޅުމީދޫން ކިޔުތަރުތީބުން މަސްގަނެ، ދޯނިތައް ހުސްކުރަމުން އަންނަ ކަމަށެވެ. އަދި ޖުމުލަ 615 މެޓްރިކް ޓަނު ބޭނުންކޮށްގެން މަސްގަނެވޭނެ އެންމެ ގިނަ އަދަދަކަށް ދެކުނުން މަސް ގަންނަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.