ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ މައުލޫމާތު ހިމެނޭ ރާއްޖޭގެ "ރެޑް ލިސްޓު" ސަރުކާރުން އިއްޔެ އާއްމުކޮށްފިއެވެ.

އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ ނުވަތަ އައިޔޫސީއެންގެ "ރެޑް ލިސްޓް"ގެ ގައިޑްލައިނާ އެއްގޮތަށް ރާއްޖޭގެ "ރެޑް ލިސްޓް" އެންވަޔަރަމަންޓް މިނިސްޓްރީން އާއްމުކުރި އިރު، އޭގައި ހިމެނެނީ ފަސް ބާވަތެއްގެ ވެލަ އެވެ. އެއީ ލެދަބެކް ސީ ޓާޓަލް ނުވަތަ މުސިންބީއާއި، އޮލިވް ރިޑްލީ ޓާޓަލް ނުވަތަ ވާވޮށި ވެލައާއި، ގްރީން ސީ ޓާޓަލް ނުވަތަ ވެލައާއި، ލޮގަހެޑް ސީ ޓާޓަލް ނުވަތަ ބޯބޮޑު ވެލާގެ އިތުރުން ހޯކްސް ބިލް ސީ ޓާޓަލް ނުވަތަ ކަހަނބެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި، ވޭތުވެދިޔަ 120 އަހަރުގެ ތެރޭގައި ރާއްޖޭން މުސިންބީ ފެނުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ އެންމެ ހަތަރު ފަހަރުއެވެ. އެއީ މުޅިންވެސް ރާއްޖޭގެ ދެކުނުންނެވެ. އެންމެ ފަހުން މުސިންބީއެއް ފެނުނު ކަމަށް ރެކޯޑުކޮށްފައިވަނީ 2014 ގައެވެ. މިއީ އާންމުކޮށް ރާއްޖޭގައި ވަޒަންވެރިވެ އުޅޭ ވެލައެއް ނޫނެވެ. އެހެންކަމުން މި ބާވަތުގެ ވެލާ ރާއްޖޭގައި ބިސް އެޅިކަން އެނގިފައެއް ނެތެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނިގޮތުގައި ދުނިޔޭގެ ޓްރޮޕިކަލް އަދި ހޫނު ސަރަހައްދުތަކަށް ވާވޮށި ވެލާ އާއްމުކޮށް ދަތުރުކޮށް އުޅެއެވެ. އެގޮތުން ކާނާ ހޯދުމަށާއި ބިސް އެޅުމަށް މި ބާވަތުގެ ވެލާ އެތައް ހާސް ކިލޯމީޓަރަކަށް ދަތުރު ކުރެއެވެ. ނަމަވެސް މި ބާވަތުގެ ވެލާ ރާއްޖޭގައި ވަޒަންވެރިވެ އުޅޭކަން އަދި ހޯދިފައެއް ނުވެއެވެ. އާއްމުކޮށް މި ބާވަތުގެ ވެލާ ފެނިފައިވަނީ މޫދަށް އުކާލާފާއި ހުންނަ ދަލުގައި ޖެހިގެންނެވެ. އެގޮތުން 2013 އާއި 2020 އާ ދެމެދު 861 ވާވޮށި ވެލާ ދަލުގައި ޖެހިގެން ފެނިފައިވެއެވެ.

ދުނިޔޭގެ ބޮޑެތި ހުރިހާ ކަނޑަކުން ވެސް މި ބާވަތުގެ ވެލާ ފެންނަ އިރު، މިއީ ގިނައިން ހިޖުރަކޮށް އުޅޭ އަދި ގިނަ ގައުމުތަކަކަށް ބިސް އަޅާ ބާވަތެކެވެ. ރާއްޖެއިން އެންމެ އާންމުކޮށް ފެންނަނީވެސް މި ބާވަތުގެ ވެލައެވެ. ރާއްޖެއިން މި ބާވަތުގެ ވެލާ އެންމެ ގިނައިން ފެނުނު ކަމަށް ރެކޯޑް ކޮށްފައިވަނީ ބ. ލ. އަދި ޅ. އަތޮޅުންނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން 2016 ގައި ފަސް އަތޮޅެއްގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އަހަރަކު 103 ވެލާ ބިސް އަޅައެވެ.

ބޯބޮޑު ވެލައަކީ ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތެކެވެ. އެންމެ ފަހުން މި ބާވަތުގެ ވެލާ ފެނިފައިވަނީ 2019 ވަނަ އަހަރު ލ. އަތޮޅުންނެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި މި ބާވަތުގެ ވެލާ ރާއްޖޭން ފެނިފައިވާ ކަމަށް ރެކޯޑުކޮށްފައިވަނީ އެންމެ ފަސް ފަހަރުއެވެ. އެއީ ބޮޑު ހަތަރު ވެލަ އާއި ޅަ ވެލަ އެކެވެ. ބޯބޮޑު ވެލާ ކުރިން ރާއްޖޭގައި ބިސް އެޅި ނަމަވެސް މިހާރު އެކަން ވަނީ ހުއްޓިފައެވެ.

ރާއްޖޭގެ ކަނޑުތަކުން އެންމެ އާންމު ގޮތެއްގައި ފެންނަ ވެލާގެ ބާވަތަކީ ކަހަނބެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ކަހަނބު ފެނެއެވެ. އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ކަހަނބު ބިސް އަޅާ އިރު، ކަހަނބުގެ އާބާދީ ދަށަށްދާ ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު ހެދި ދިރާސާއެއްގައި 3،982 ކަހަނބު ފެނިފައިވާ އިރު، އޭގެ ތެރޭގައި ގިނައީ ޅަ ކަހަނބެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގެ "ރެޑް ލިސްޓް" އެކުލަވާލެވުމާއެކު މި ތަކެތީގެ ހިމާޔަތުގައި ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެއެވެ.