އިމާމް އަހުމަދު އެކަލޭގެ ފާނުގެ މުސްނަތުގައި ބަޔާން ކުރައްވާފައިވާ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ. "ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ޒަމާނުގައި ދެމީހަކު ރޯދައަަށް ތިއްބެވެ.،"

އެހެންނަމަވެސް ރޯދައިގެ ބުރަކަމާއި، ކަރު ހިއްކުމާއި، ބަނޑުހައި ހޫނުކަމުގެ ސަބަބުން، އެ ދެމީހުން ހަސްނެތިފައިވިއެވެ. އެވާހަކަ ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް ދެންނެވުމުން އެ ދެމީހުން ގެންނެވިއެވެ. އަދި އެ ދެމީހުންނަށް އަމުރު ކުރެއްވީ، ހޮޑުލުމަށެވެ. އެހިނދު އެ ދެމީހުން ހޮޑުލިއެވެ. ހޮޑުލިއިރު އެމީހުންގެ އަނގައިން ލެއާއި، ފާދިޔަ ފަދަ އެތައް ނޭއްގާނީ އެއްޗެއް ބޭރުވެގެންދިޔައެވެ. އެތަން ދެކެވަޑައިގެން ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. "އެ ދެމީހުންނަށް ހަލާލް ކުރެއްވި ކަންކަމުން އެމީހުން ރޯދަހިފައިފި،" އެވެ. އެބަހީ ކެއިން ބުއިމާއި ޖިންސީ ޣަރީޒާ ފުއްދުމުން އެމީހުން ރޯދަ ހިފައިފިއެވެ. އެހެންނަމަވެސް "އެމީހުންނަށް ހަރާމް ކުރެއްވި ކަންތައްތަކުން އެމީހުން ރޯދަ ވީއްލައި،" ފިއެވެ.

އެއީ އެ ދެމީހުން އިށީނދެ ތިބެ ޣީބަ ބުނުމުގެ މަތީގައި ދެމިތިބުމުންނެވެ.

https://www.youtube.com/watch?v=C8V0m75rX5Y

ލޮބުވެތި އަހުންނާއި އުހުތުން، އަޅުގަނޑުމެން ރޯދައިގެ މަތީގައި ތިބޭއިރު މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. ދުލާއި އެންމެހާ ހިއްސުތައް ނޭއްގާނީ އާފާތްތަކަށް ވެގެންދާ ފަދަ އެންމެހާ އަމަލުތަކުން ދުރުކޮށް ރައްކާތެރިކޮށް ކިޔަމަން ކުރުމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެއެވެ.

މެސެޖު ދެއްވީ: އަލްއުސްތާޛް މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް / އިލްމު އިންސްޓިޓިއުޓް