ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ އެޅި ބިސްތައް މިމަހުގެ ތެރޭގައި ފަޅާނެ ކަމަށް ބެލެވޭ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް މިރޭ "ވަން" އަށް ވިދާޅުވީ، އީޕީއޭއިން ވެލާ ބިސްތައް ރައްކާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށެވެ.
ވެލާބިސް އަޅާތާ 30 ދުވަހާއި 45 ދުވަސް ތެރޭ އެބިސްތައް ފީވެ ވެލާ ނުކުންނަން ފަށައެވެ.
ނައީމް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގެ އައްސޭރިފަށް ހިމާޔަތްކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ވެލާ، ކަހަނބު ބިސް އަޅަމުން އަންނަ ތަންތަނަށް ގެއްލުންވަމުންދާ ކަމަށެވެ. ނ. މާފަރަށްވެސް ވެލާ، ކަހަނބު ބިސް އެޅުމަށް އަރާކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ، އެރަށުގައި އެއާޕޯޓު އެޅުމުން ވެލާ ބިސް އަޅަން ނާރާ ކަމަށެވެ.
އެހެންކަމުން އެތަކެތީގެ މާހައުލަށް ގެއްލުން ނުވާނެހެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް ނައީމު ވިދާޅުވިއެވެ. އަދި ވެލާ ބިސް އަޅަން އަރާ ފަޅު ރަށްރަށުގައި އެކި މަސައްކަތްތައް ކުރާއިރުވެސް އެތަކެތީގެ މާހައުލަށް ގެއްލުން ނުވާނެގޮތަށް އެކަން ކުރަން ސަމާލުކަން ދިނުމަށްވެސް ނައީމް ވަނީ އެދިވަޑައިގެންފައެވެ.
ސިނަމާލެ ބްރިޖު ކައިރިއަށް ވެލާ އަރާފައިވަނީ މިދިޔަ މަހުގެ 15 ދުވަހުއެވެ. އެ ވެލާ އެޅި ބިސްތައް ވަނީ އީޕީއޭގެ ބެލުމުގެ ދަށުން ފޯ ސީޒަން ކުޑަހުރާއަށް ގެންގޮސްފައެވެ. އެއީ ސިނަމާލެ ބްރިޖު ކައިރީގައި އޮންނަ ގޮނޑުދޮށް ކުޑަވުމުންނާއި ރާޅު ޖަހާ ހިސާބަށް ބިސް އަޅާފައިވުމުންނެވެ.
މާލެ ވަށައި ތޮށިލުމުގެ ކުރިން މާލެއަކީ ވަރަށް ގިނައިން ވެލާ އެރި ރަށެކެވެ. ނަމަވެސް މާލެ ވަށައި ތޮށިލި ފަހުން މާލެއަށް ވެލާ އެރިކަން ތާރީހުން އެނގޭކަށް ނެތެވެ.
މާލެ ވަށައިގެން ތޮށި ލާފައިވާ އިރު، މާލެއަށް ވެލާ އެރި ސަރަހައްދަކީ ގުދުރަތީ ގޮތުން މާލޭގައި އުފެދިފައި އޮތް ހަމައެކަނި ވެލިކޮޅެވެ.
ވެލާ ކަހަނބުގެ ބާވަތްތައް ރާއްޖޭގައި ހިމާޔަތްކޮށް އެ ހިފުން ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު