ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމާ ބެހޭގޮތުން ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެފައިވާ ފޮތް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާ ކޮށްފިއެވެ.

"އެ ދުވަސް ގެނެވޭނެ" މިފޮތް ހުރިހާ ސްކޫލަކަށް ހަދިޔާކުރުމަށް ސާއިލު މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ހަވާލުކޮށްފައެވެ. އެ ފޮތް ސްކޫލްތަކަށް ހަދިޔާކޮށްފައިވަނީ ދިކޯ އިންވެސްޓްމެންޓް އެންޑް ކޮންސަލްޓިން ގްރޫފް (ޑީއައިސީޖީ)ގެ ސްޕޮންސާގެ ދަށުންނެވެ.

މިމަހުގެ ނުވަވަނަ ދުވަހު ނެރުނު ސާއިލްގެ ފޮތް ލިޔެފައިވަނީ ޗައިލްޑްހޫޑް އެންޒައިޓީ އާއި އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާ (އޯސީޑީ) އާއި އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ބަލިތަކުން އަރައިގަތުމަށް އޭނާ ކުރި މަސައްކަތާ ބެހޭ ގޮތުންނެވެ.

ދިވެހި ބަހުން ލިޔެފައިވާ އެ ފޮތުގައި ދިރިއުޅުމުގެ ބައެއް ވޭންދެނިވި ނަފްސާނީ ބަލިތައް ދިމާވުމުގެ ސަބަބުތަކާއި މި ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާސިލް ވެވޭނެ ގޮތްތަކަށް އަލިއަޅުވާލާފައިވެއެވެ.

"މި ފޮތަކީ ނަފުސާނީ ބައެއް ބަލިމަޑުކަމުގެ މައްޗަށް އަޅުގަނޑު އެކުލަވާލި ފޮތެއް. އަޅުގަނޑުގެ އަމިއްލަ ނަފުސުން އޭގެ ވަރަށް ގިނަ ކަންކަން ތަޖުރިބާކޮށް، ގިނަ ފަރާތްތަކެއްގެ އެހީގައި އަނދިރިކަމުގެ ޖަންގައްޔަކުން އަލިކަމުގެ ބަގީޗާއަކަށް ނިކުމެވުނު. އަޅުގަނޑުގެ އަމާޒަކީ އެކަންވީ ގޮތް ތިޔަ ބޭފުޅުންނާ ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކޮށް މިފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އުފަލާއެކު ހިނިތުންވެލުމަކީ ކުރެވޭނެ ކަމެއްްކަމުގެ އުންމީދާއި ހިތްވަރު ދިނުން،" ސާއިލު ބުންޏެވެ.

ސާއިލްގެ ފޮތުގައި ހިމެނޭ ރިސާޗުތައް ހަދައިދީފައިވަނީ މެންޗެސްޓާ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރެއް ކަމަށްވާ އާމިނަތު ނައުޝާ އަހުމަދެވެ. ބޭސްވެރިކަމުގެ ގޮތުން ފޮތް ޕްރޫފްރީޑްކޮށްފައި ވަނީ ޑރ. އަބްދުލްއަޒީޒު ހަމީދެވެ. ފަންނީ ގޮތުން ފޮތަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ސައިކޮލޮޖިސްޓް ފާތިމަތު ސައުދާއެވެ.

"އެ ދުވަސް ގެނެވޭނެ" ރާދާ ބުކްޝޮޕުން ލިބެން ހުންނާނެއެވެ. އަދި އުރިދޫގެ ކޮމާޝަލް ޕްލެޓްފޯމް މޫލީ އިން ވެސް އެ ފޮތް ގަނެވެން ހުންނައިރު 9892563 މެސެޖު ކޮށްގެން ވެސް ފޮތް ގަނެވެން ހުންނާނެއެވެ. ފޮތުގެ އަގަކީ 100 ރުފިޔާއެވެ.

ސާއިލް އަކީ އުއްމީދީ ނޫސްވެރިޔާގެ އެވޯޑާއި އިޖުތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ވެސް ހާސިލްކޮށްފައިވާ ނޫސްވެރިއެކެވެ.