މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފްލައިން ސްކޫލަށް ބްރޭންޑެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް(އައިއޭއެސްއެލް) އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ފްލައިން ސްކޫލަށް ބްރޭންޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޕޯސަލް ހުށަހަޅާ ކުންފުނި ވާންޖެހޭނީ ރާއްޖޭގެ ކުންފުންޏަކަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ކުންފުނިތަކަށް ބިޑް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އަންނަ އޭޕްރީލް ފަސްވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާ ކަމަށާއި ރަޖިސްޓްރީ ކުރާ ކުންފުނިތަކަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަން އެއް އޭޕްރީލް ހަތް ވަނަ ދުވަހު 11:30 ގައި އެކުންފުނީގެ ހެޑް އޮފީހުގައި ބާއްވާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
މިކަމަށް އެދި ބިޑް ކުރަން ބޭނުންވާ ކުންފުނިތަކުން ބިޑް ހުށަހަޅަންޖެހޭނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އައިއޭއެސްއެލް ގެ ހެޑް އޮފީހަށެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ 21 އޭޕްރީލް ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ހަމަވާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީއަކީ ޕައިލެޓުން ތަމްރީނުކުރުމަށް ޗެކް ރިޕަބްލިކްގެ ފްލައިން ސްކޫލެއް މެދުވެރިކޮށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު ދާދި ފަހުން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކުން ހިންގާ އެކަޑަމީއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު