ކުރިއަށް އޮތް ރޯދަމަހަށް ތޮއްޑޫ ދަނޑުވެރިން އުފައްދާ ކަރާގެ އަދަދު އިތުރުވާނެ ކަމަށާއި ހަފުތާއަކަށް ގާތްގަނޑަކަށް 75 ޓަނުގެ ކަރާ މާލެއަށް ސަޕްލައި ކުރެވޭނެ ކަމަށް ލަފާކޮށްފިއެވެ.

ތޮއްޑޫ ކައުންސިލް މެންބަރު އަލީ އާދަމް 'ވަން' އަށް މިއަދު ވިދާޅުވީ އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގެ ކަރާ މޫސުން ރަނގަޅު ކަމަށާއި އޭގެ ސަބަބުން ކަރާ އުފެއްދޭ ވަރު އިތުރުވާނެ ކަމަށެވެ. އަދި ތޮއްޑޫން މިހާރު ކަރާ ކިލޯއެއް ވިއްކަން ހުރީ 15-18ރ. އާ ދެމެދު އަގެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދަނޑުވެރިން ހައްދާ ކަރާގެ އަގުތައް ކަނޑައަޅާނީ އެފަރާތްތަކުން ކަމަށާއި ކަރާ ސަޕްލައި ކުރެވޭނެ އަދަދުވެސް އެނގޭނީ ދަނޑުވެރިންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫން ވާހަކަދެއްކި ދަނޑުވެރިޔަކު 'ވަން' އަށް މިއަދު ކިޔައިދިން ގޮތުން އެހެން އަހަރުތަކާއި ހިލާފަށް މިފަހަރުގެ ކަރާ މޫސުމާ ދިމާކޮށް ވާރޭ ވެހެނުލެއް މަދުވުމުން، ކަރާ ޖޯޑުކުރެވުނު ވަރު ވަނީ އިތުރުވެފައެވެ. އަދި އޭގެ ސަބަބުން މާލޭގެ ބާޒާރަށް ކަރާ ފޮނުވޭ އަދަދުވެސް އިތުރުވާނެ ކަމަށް އޭނާ ބުންޏެވެ.

"ކަރާގެ އެންމެ މުހިއްމު ދުވަސްވަރަކީ މާ އަޅާ ދުވަސްވަރު. އެހެން އަހަރު ތަކުގައި ވާރޭގެ ސަބަބުން ޖޯޑުވާ ކަރާގެ އަދަދު މަދުވޭ. އެކަމަކު މި އަހަރު އެ އަދަދު އިތުރުވާނެ" އޭނާ ބުންޏެވެ.

ދަނޑުވެރިޔާ ބުނީ ފާއިތުވި ދެތިން އަހަރުވެސް އެވްރެޖްކޮށް ސަޕްލައި ކުރެވިފައި ހުންނާނީ ހަފުތާއަކަށް 60 ވަރަކަށް ޓަނު ކަމަށާއި އެއީ ސަޕްލައި ފޮނުވާ ކޮންމެ ދުވަހަކަށް 20 ވަރަކަށް ޓަނު ކަމަށެވެ. ނަމަވެސް މި އަހަރު އެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް އޭނާ ބުނީ ހަފުތާއަކު ތިން ދުވަހު ސަޕްލައި ކުރާއިރު އެއިން ކޮންމެ ދުވަހަކު ގާތްގަނޑަކަށް 25 ވަރަކަށް ޓަނު ކަރާ މާލެ ފޮނުވޭނެ ކަމަށެވެ. އަދި މުޅި ރޯދަމަހުވެސް ތޮއްޑޫ ކަރާ ލިބުމުގެ ދަތިކަމެއް ނާންނާނެ ކަމަށް ތޮއްޑޫން ވާހަކަ ދެއްކި ދަނޑުވެރިޔާ ބުންޏެވެ.

ތޮއްޑޫން ސަޕްލައި ދޯނި ދަތުރު އޮންނަނީ ހަފުތާ އަކު ތިން ދުވަހުއެވެ. ސަޕްލައި ކުރާ ކޮންމެ ދުވަހަކު 25 ޓަނުގެ ރޭޓުން ބަލާއިރު އެއީ ހަފުތާ އަކަށް 75 ޓަނެވެ.

ދަތުރުވެރިންގެ ބާޒާރު ގޮޅިތަކުން މިއަދުވެސް ތޮއްޑޫ ކަރާ ކިލޯއެއް ވިއްކަން ހުރީ 25ރ އަށް ކިލޯއެއްގެ ރޭޓުންނެވެ. ނަމަވެސް ކަރާގެ އަގާއި ބެހޭގޮތުން އޭނާ ބުނީ އަގު ބޮޑުކުރަނީ ދަނޑުވެރިން ނޫން ކަމަށާއި ތޮއްޑޫން އާއްމުކޮށް ކަރާ ކިލޯއެއް 15ރ އަށް ގަންނަން ލިބޭނެ ކަމަށެވެ.

ތޮއްޑޫން މިއަހަރު ރޯދަމަހަށް ކަރާ ހެއްދުމަށް ޖުމުލަ 221،147 އަކަފޫޓުގެ ބިން ވަނީ ދޫކޮށްފައެވެ. މި އަހަރަށް ޖުމުލަ 119 ކަރާ ދަނޑު ހައްދާފައިވާއިރު އެހެން އަހަރުތަކާއި ހިލާފަށް ރޯދަމަހުގެ މެދުތެރޭގައި ދެވަނަ ފަހަރަށް އެ ދަނޑުތަކުގައި ގޮވާން ކުރުމުގެ ފުރުސަތުވެސް ކައުންސިލުން ވަނީ ދަނޑުވެރިންނަށް ދީފައެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި މުޅި ރާއްޖެއިން ވެސް އެންމެ ކުރީގައި އުޅޭ އެއް ރަށެވެ. އާބާދީގެ 90 ޕަސެންޓް ދަނޑުވެރިކަން ކުރާ ތޮއްޑޫ ބިމުގެ ތިންބައިކުޅަ އެއްބައި ހާއްސަކޮށްފައި އޮންނަނީ ދަނޑުވެރިކަން ކުރުމަށެވެ.