ސްޕްރައިޓް ބުއިމަށް ފަހު ހުސް ފުޅި ކުނި ވަށިގަނޑަށް ވައްޓާލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

ސްޕްރައިޓުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ކޮންސިއުމާ ޕްރޮމޯޝަނާ ގުޅުވައިގެން ފަށާފައިވާ "ޑްރިންކް އިޓް އެންޑް ބިން އިޓް" ކެމްޕެއިންގެ މަގުސަދަކީ ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި ޒިންމާދާރުކަމާއި އެކު އުކާލުމުގެ އާދަ އަށަގަންނުވައި އެކަން އެ ގޮތަށް ކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ސްޕްރައިޓުގެ އެ ކެމްޕޭން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގައުމީ ޔުނިވަސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަނުގައި ވަނީ ބާއްވައިފައެވެ. ދެން އެ ކެމްޕޭން ކުރިއަށް ގެންދާނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހަވީރު 3:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި މުބާރާތުގައި ބައިވެރިވެ، އެޕަލް ވޮޗް ސީރީޒް 7، އެއާޕޮޑް ޕްރޯ އަދި ޕާޓްނަރ ރެސްޓޯރެންޓްތަކުން ގިފްޓް ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

  • މި ކެމްޕެއިނުގައި ބައިވެރިވުމަށް:
  • 1.އިންސްޓަގްރާމް ނުވަތަ ވަޓްސްއެޕްގައި ގާއިމްކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓެއް މެދުވެރިކޮށް، ވަށިގަނޑުތައް ބަހައްޓާފައި ހުރީ ކޮންތަނެއްގައިތޯ އޮޅުންފިލުވައި އެންމެ ކައިރީގައި ވަށިގަނޑެއް ހުރި ތަނަކަށް ދިއުން
  • 2.އެތެރެ ފެންނަ ސްޕްރައިޓް ފުޅިއެއް ގަތުން ނުވަތަ ވަށިގަނޑު ބަހައްޓާފައި ހުރި ތަނުން ފުޅިއެއް ހޯދުން
  • 3.ދެ ފޮޓޯ ނެގުން: އެއް ފޮޓޯގައި ފުޅިން ސްޕްރައިޓް ބޯ ތަން އަދި ދެ ވަނަ ފޮޓޯގައި ހުސް ފުޅި ވަށިގަނޑަށް ވައްޓާލާ ތަން ފެންނަން ވާނެ
  • 4.މި ދެ ފޮޓޯ ބައިވެރިޔާގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕްރޮފައިލްގައި ޕޯސްޓުކޮށް spridemaldives@ ޓެގުކުރުން
  • ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތްތައް އިންސްޓަގްރާމްގައި spritemaldives@ މެދުވެރިކޮށް އިއުލާނު ކުރާނެ އެވެ.

މި ކެމްޕޭންގެ ތެރެއިން، ވަށިގަނޑުތަކަށް އަޅާފައިވާ ފުޅިތައް، ކޮކާކޯލާގެ ޕާޓްނަރު އެންޖީއޯ ކަމަށްވާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ)އިން އެއްކުރާނެ އެވެ. އެއްކުރާ ފުޅިތައް ރީސައިކަލްކޮށް، ޕްލާސްޓިކް ކުނި ވަށައިގެން ސާކިއުލަރ އިކޮނޮމީއެއް އުފައްދައި، އެ ފުޅިތައް އެކި ބްރޭންޑުތަކުގެ ބޫޓާއި ސުވިމްވެއާ އަދި އަންނައުނު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ކޮކާކޯލާއިން 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިންއާ ދިމާއަށް ދުނިޔޭގެ ފެންވަރުގައި ބަދަލުކުރަމުން އަންނަ މި ބަދަލުގެ ދަށުން ސްޕްރައިޓުން ވަނީ ސެޕްޓެމްބަރު 2021ގައި ރާއްޖޭގައި އެ ކުންފުނީގެ މަޝްހޫރު ފެހި ފުޅިން އެތެރެ ފެންނަ ސާފު ފުޅިއަކަށް ބަދަލުކޮށް، ބުއިމަށް ފަހު ދޫކޮށްލާ ފުޅި އެއްކުރުމާއި ރީސައިކަލްކުރުމާއި އަލުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.

އެކުންފުނިން ބުނީ އަލަށް ތައާރަފުކުރި ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރިން ބޭނުންކުރި ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، އަލަށް ތައާރަފުކުރި އެތެރެ ފެންނަ ފުޅިއަކީ ބޭނުން ކުރުމަށް ފަހު ދޫކޮށްލާ ޕްލާސްޓިކްގެ އަގު ބާޒާރުގައި ބޮޑުކޮށް، ސާކިއުލާ އިކޮނޮމީއެއްގައި ގިނަ ބޭނުންތަކަށް އަލުން ބޭނުންކުރުމުގެ ގާބިލުކަން އިތުރު ފުޅިއެއް ކަމަށެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފުކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވައިލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފަ އެވެ.